ޚަބަރު

އުލިގަމު ބަނދަރު ބޮޑުކޮށް، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް


  • މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރު

  • އެރަށުގެ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ %25 ވަނީ ނިމިފަ

  • މި މަޝްރޫއު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 79.8 މިލިއަން ރުފިޔާއަށް

ތިލަދުންމަތީ އުތުރުބުރީ އުލިގަމުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ވާޓަރު އެޅުމުގެ މަސައްކަތްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމުގެ އިތުރުން 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށްވެސް ވަނީ ހަަމަޖެހިފައެވެ. މީގެ އިތުރުން 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއިއެކު، 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އުލިގަމުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު އެރަށުގެ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ %25 ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރުގެ އެއްގަމު ވާޓަރު އެޅުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އުލިގަމު ބަނދަރު ތަރައްޤީކޮށް އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ.

560އެއްހާ މީހުން ދިރިއުޅޭ އުލިގަމަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއާއި ދަނޑުވެރިކަމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އާންމު ގިނަ ޚިދުމަތްތައް ޤާއިމުކޮށްފައިވާ އުލިގަމަށް ކޮންމެ ދުވަހުވެސް ގިނަ ބަޔަކު އަރާފައިބައެވެ. އުލިގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ލަފާ ފުރުމުގެ ދަތިކަމެވެ.

މި މަޝްރޫޢުއާއި ގުޅިގެން އުލިގަމު ކައުންސިލުން ވިދާޅުވީ އެރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމާއެކު އެރަށުގެ ރައްޔިތުންގެ 15 އަހަރުގެ އުންމީދު ހަގީގަތަކަށްވެ، ޒަމާނުއްސުރެ އުފުލަމުންއައި ތަކުލީފުތަކަށް ނިމުން އަންނާނެކަމަށެވެ. އަދި ޓޫރިޒަމްގެ ވިޔަފާރިވެސް އިތުރަށް ފުޅާވެގެން ދާނެކަމަށެވެ.

އުލިގަމު ބަނދަރު ތަރައްޤިކުރުމުގެ މަޝްރޫއު އެމްޓިސީސީއާ ހަވާލުކުރައްވާފައިވަނީ 79.8 މިލިއަން ރުފިޔާއަށެވެ.