ޢީދު ބަންދާއި ދިމާކޮށް، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ބ. ފުޅަދޫއަށް ކޮންމެ ހަފްތާއެއްގެވެސް ދެދުވަހު ކުރާނެކަމަށް އެއެއަރލައިނުން ވިދާޅުވެއްޖެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ.
ކޮންމެ އަހަރަކުވެސް ޢީދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އަންނަ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދެއެވެ. އެގޮތުން މި އަހަރުވެސް ޢީދު ބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ވަނީ ނިންމައިފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ، ބ. ފުޅަދޫއަށް ހަފްތާއަކު 2 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށެވެ. އަދި މި ދަތުރުތަކާއެކު ބ. އަތޮޅަށް އެއެއަރލައިނުން ކުރާ ދަތުރުތައް ފުޅާވެގެންދާނެކަމަށެވެ. އެގޮތުން ބ. ފުޅަދޫއާއި ކާއިރީގައި އޮންނަ ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށްވެސް ދަތުރުކުރަން ބޭނުން ފަރާތްތަކަށް މިއީ ލިބިގެންދާނެ ފަސޭހައެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓުކަމަށެވެ. އަދި ސީޕްލޭންގައި ދަތުރުކޮށްލުމަކީ ރާއްޖޭގެ ރީތިކަން މަތިން ބަލާލަން ލިބޭ ފުރުސަތެއްގެ ގޮތުގައި އެއެއަރލައިނުން ދެކެއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ.
މީގެ ކުރިންވެސް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ބާއްވާފައިވެއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އާންމުގޮތެއްގައި ކުރަނީ ފަތުރުވެރިންނާއި އެކު ރާއްޖޭގެ ރިސޯޓުތަކަށެވެ. ފުޅާ ދާއިރާއެއްގައި މި މި ޚިދުމަތްދެމުންދާއިރު، މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 11 ސީޕްލޭން ބޭނުންކުރެއެވެ.