މާތްވެގެންވާ މައްކާއަށް ކޮންމެ އަހަރަކުވެސް އެންމެ ގިނަ މީހުން ޖަމާވަނީ ޙައްޖުގެ މާތް އަޅުކަމަށެވެ. ނަމަވެސް މިއަހަރުގެ ޢުމްރާގެ އަޅުކަމަށް ރެކޯޑް އަދަދަކަށް ސަޢުދީއަށް މީހުން އެތެރެވެފަވާކަމަށް މި ޤައުމުގެ ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރެއެވެ.
ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް 3 މިލިޔަނަށްވުރެ ގިނަ މީހުން އެތެރެވެފަވާއިރު، ޚާއްސަކޮށް ރަމަޟާން މަހު 27 ވިލޭރެއަކީ އެއްފަހަރާ ހަރަމަށް އެންމެ ގިނަ މީހުން އަޅުކަމަށް ޖަމާވި ރޭކަމަށްވެސް ސަޢުދީގެ ކަމާ ގުޅުންހުރި އިދާރާތަކާއި ސައުދީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. 3.4 މިލިއަން މީހުންނާއެކު މިއީ މިހާތަނަށް ރެކޯޑް ޢަދަދެކެވެ.
އެގޮތުން މިސްކިތުގެ އެތެރެ ހަރިންމައާއި މަތާފް ސަރަޙައްދު އަދި މިސްކިތުގެ ކޯޓު ޔާޑުވެސް ވަނީ ތޮއްޖެހިފައެވެ. އަދި ހަރަމް ބޮޑުކުރުމަށް ހިންގާ ޕްރޮޖެކްޓްގެވެސް މުހިންމު މަސައްކަތްތަކެއް ނިމި، އޭގެތެރެއިން ބައެއް ސަރަޙައްދުތައްވެސް އަޅުކަމަށް ހުޅުވާލިއެވެ. މީގެއިތުރުން ހަރަމާ ގުޅިގެން އަންނަ ބޮޑެތި މަގުތައް ބަންދުކުރިއިރު، އެތަށް ހާސް މީޓަރު ދުރަށް ނަމާދުގެ ސަފުތައް ދެމިގެން ގޮސްފައި އޮތެވެ. އެތަށް ބަޔަކު އިށީނދެލާނެ ޖާގަ ނުލިބުއިރު، ޖާގައެއް ހޯދުމަށް އެތަށް ވަގުތެއް ހޭދަކުރަންޖެހުނެވެ.
ރަމަޟާން މަހުގެ ފަހު 10ގައި ހިމެނޭ ލައިލަތުލްޤަދުރި ވިލޭރެއަކީ އެރެއެއްގެ ސަވާބު އެއްހާސް މައްސަރައްވުރެ ބޮޑުވެގެންވާ ރެއެވެ. ނަމަވެސް އެ ރޭ ވަނީ ވަންހަނާވެފައެވެ. މިކަމުގައި އެތަށް ޙިކުމަތްތަކެއް އެކުލެވިގެންވެއެވެ.
27 ވިލޭރެއަށް އިރުއޮއްސިގެން އަދި ވަގުތު މައްކާއަށް އޮތީ ބަނަ، ފިނި މޫސުމެކެވެ. އެހެން ދުވަސްތަކުގައި އެ ވަގުތު ފާހަގަކުރެވުނީ، އިންތިހާއަށް އަވިގަދަ އަދި ހޫނު ގަދަ ވަގުތަކަށެވެ. ގުގުރުމުގެ އަޑު މެދުނުކެނޑި ގުގުމާލަފައި އޮތް އިރު، ހަވީރުން ފަށައިގެން އިޝާ ނަމާދުގެ ވަގުތު ނިމެންދެން ހިމަ ފޮދު ވާރޭ ވެހެމުން ދިޔައެވެ.
އެރޭގެ އިރާކޮޅު ވާރޭވެހުން ނުވަތަ ވާރޭ ކަނި ޖެހުމަކީ، މާތްކަން ބޮޑުވެގެންދާ ލައިލަތުލް ޤަދްރް ވިލޭރޭގެ އަލާމާތެއްކަމަށް ބުނެވެއެވެ.
ތަރާވީހް އަދި ދަމު ނަމާދުގައިވެސް އެތަށް މިލިއަން މީހުން ބައިވެރިވިއެވެ. ދަމު ނަމާދަށް ފަހު ވިތުރީގެ ދުޢާ ވިއްސަކަށް މިނެޓަށް ދިގުދެމިގެންދިޔައެވެ. ޝެއިޙް ސުދައިސްގެ އަސަރުގަދަ އަޑުކުރި ދުޢާގައި، ޚަރަމުގައި އެންމެ ގަދަޔަށް ގުގުމާލައިގެން ދިޔައީ، ފާފަތަށް ޢަފޫކޮށްދެއްވުމާއި، ހަނގުރާމައިގައިވާ މުސްލިމް ޢުއްމަތްތަކަށް ނަސްރު ދެއްވުމަށް އެދި ކުރެވިގެން ދިޔަ ދުޢާގައެވެ.
ލައިލަތުލްޤަދުރި ވިލޭރެއަކީ ރަމަޟާން މަހުގެ ފަހު 10ގެ އޮނަހިރި ރޭތަކުގެތެރެއިން ރެއެކެވެ. އަދި އެރޭ ވަނީ ވަންހަނާކުރެވިފައެވެ. އެހެންކަމުން އަޅުކަމުގައި ސާބިތުވެ ހުރުމަށް އަޒުމުކަނޑައަޅަންޖެހެއެވެ.