މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިޔަންމާއަށް ބިންހެލުން އައިސްފައިވަނީ 7.6 މެގްނިޓިއުޑްގެ ބާރުމިނުގައިކަމަށެެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ހެނދުނު 11:32 ހާއިރު ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން މަޢުލޫމާތުދެއްވިގޮތުގައި މިޔަންމާގައި ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ހުރި ދުރުމިނަކީ 3121 ކިލޯމީޓަރު ކަމަށެވެ.
An Earthquake of magnitude 7.6 has occurred in Myanmar. There is no threat to Maldives. pic.twitter.com/kP9d8SteiY
— Maldives Meteorology (@MetMaldives) March 28, 2025
މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، ނުރައްކާވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖެއާ ކައިރި ބައެއް ސަރަހައްދުތަކަށް އަންނަ ބިންހެލުންތަކުގެ އަސަރު ބައެއް ފަހަރު ރާއްޖެއަށް ކުރެއެވެ. އެގޮތުން 2004ވަނަ އަހަރު ރާއްޖެއަށް ސުނާމީގެ އަސަރުކޮށްފައިވަނީވެސް އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމަކާ ގުޅިގެންނެވެ.