މުޅި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ހިއްސާއެއް އޮތް މަސައްކަތަކީ މި ދާއިރާގެ ޢުމްރާނީ ތަރައްޤީކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު ޚިދުމަތް ދިނުމަށް އެކަށީގެންވާ ޖާގަ ނެތުމާއި، ޚިދުމަތްދޭ ޢިމާރާތްތަކަށް ދުވަސްވެ ބާވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެހެންކަމުން ސަރުކާރުން މިހާރު ގެންދަވަނީ އަތޮޅުތަކުގެ ރަށްރަށުގައި ހުރި މިފަދަ ތަންތަން ތަރައްޤީކުރުމާއި، އިތުރު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގެވުމުގެ މަސައްކަތްކުރައްވަމުންނެވެ. މިގޮތުން 10 ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ވަނީ ޙަވާލުކުރައްވާފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ޢުމްރާނީގޮތުން ދާއިރާ ހަރުދަނާކުރުންކަމަށެވެ. ރަށްރަށުގެ ސިއްޙީ ނިޒާމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، މަރާމާތުކުރުމާއި އިތުރަށް ތަރައްޤީގެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ދުވަސްވެ ވީރާނާވެފައިވާ ޢިމާރާތްތަކެއްގައި ސިއްޙީ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވެމުންދާތަންކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސިއްޙީ ދާއިރާގައި ހުރި މިފަދަ ރަށްރަށުގެ ޢިމާރާތްތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށްދަނީ މަސައްކަތް ކުރަމުން. މިމަސައްކަތްތައް ނިމިގެންދާއިރު ރާއްޖޭގެ ސިއްޙީ ނިޒާމަށް، ޚާއްސަކޮށް މިމަޝްރޫޢުތައް ހިންގާ ރަށްރަށުގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެނިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މުޅިން އަލަށް 2 ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ނ. ވެލިދޫ ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތް 108 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަދި އދ. ފެންފުށީ ސިއްޙީ މަރުކަޒުގައި މުޅިން އައު ޢިމާރާތެއް 26 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ތަރައްޤީކުރުމަށް އެކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 2027 ވަނަ އަހަރު ނިންމާގޮތަށެވެ.
ފެނަކަ ކޯޕަރޭޝަނާއިވަނީ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ބ. ކުޑަރިކިލު ސިއްޙީ މަރުކަޒުގައި އިތުރު ޢިމާރާތެއް ތަރައްޤީކުރުމަށް އަދި ގއ. ކޮނޑޭގައި ހުރި ސިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތެއް ތަރައްޤީކުރުމަށް 6 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ޙަވާލުކޮށްފައެވެ. މީގެއިތުރުން ގދ. ނަޑެއްލާ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ ޢިމާރާތް ތަރައްޤީކުރުމަށްވެސް ޙަވާލުކޮށްފައި ވަނީ 6 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ. އެކުންފުންޏާ މި 3 މަޝްރޫޢު ޙަވާލުކޮށްފައިވަނީ އަހަރެއްގެ ތެރޭގައި ނިންމާގޮތަށެވެ.
އެމްޓީސީސީއާއި ވަނީ 4 ރަށެއްގައި މުޅި އަލަށް ހޮސްޕިޓަލު ޢިމާރާތް ތަރައްޤީކުރުމަށް ޙަވާލުކޮށްފައެވެ. މިގޮތުން ށ. މިލަންދޫ ހޮސްޕިޓަލުގެ އައު ޢިމާރާތާއި ކ. ތުލުސްދޫ ހޮސްޕިޓަލުގެ އައު ޢިމާރަތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއިން ކޮންމެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް 110 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާގޮތަށެވެ.
މީގެއިތުރުން އއ. ރަސްދޫއާއި ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އައު ޢިމާރާތް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެއިން ކޮންމެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް 185 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާގޮތަށެވެ. މިހޮސްޕިޓަލް ޢިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ 2027 ގެ ނިޔަލަށް ނިންމާގޮތަށެވެ. މީގެއިތުރުން ހދ.ނެއްލައިދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތްވެސް ދޮޅުއަހަރުގެ ތެރޭގައި ނިންމާގޮތަށް 11 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މި މަސައްކަތްތައް ތާވަލާއެއްގޮތަށް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށް ކުންފުނިތަކުގެ މެނޭނިޖްގ ޑިރެކްޓަރުން ވަނީ ވިދާޅުވެފައެވެ. މިމަހުގެ ތެރޭގައިވަނީ އެހެން 9 ރަށެއްގައިވެސް ސިއްޙީ ދާއިރާގެ ޢުމްރަނީ ތަރައްޤީއާއި ގުޅުންހުރި މަޝްރޫޢުތައް ކޮންޓްރެކްޓަރުންނައި ހަވާލުކޮށްފައެވެ. ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.