މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިފިއެވެ.
އެމްޓީސީސީން މި ދަތުރުތައް ފަށާފައިވަނީ ފިތުރު ޢީދާ ގުޅުވައިގެން މިއަދު ހެނދުނު 9:00 ގައެވެ. މި ދަތުރުތައް ބާއްވަނީ ހުކުރު ހޮނިހިރު ދުވަހުއެވެ.
އެމްޓީސީސީން ވިދާޅުވީ ކުޑަގިރިއަށް ދަތުރުތައް ފަށާފައިވަނީ އެތަނަށް ކުރާ ދަތުރުތައް އިތުރަށް ހަރުދަނާކޮށް ދަތުރުކުރާ މީހުންނަށް އިތުރު ފުރިހަމަކަމަކާއެކު ޚިދުމަތް ދިނުމުގެ މަގުސަދުގައި ކަމަށެވެ. ފިޠުރު ޢީދު ދުވަހަށްވުމާއެކު ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ޚާއްޞަ ދަތުރުތަކެއް އޮންނާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ހެނދުނު 09:00 ޖެހިއިރު ކުޑަގިރިއަށް ދަތުރުތައް ފަށާފައިވާއިރު، މާލެއިން ކުޑަގިރިއަށް މިއަދު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު އަދި ހޮނިހިރު ދުވަހު ތިން ދަތުރު ކުރުމަށް އެމްޓީސީން ވަނީ ނިންމާފައެވެ.
މި ދަތުރުތައް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި މާލޭގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެއަށެވެ. މި ދަތުރުތަކަށް ނަގާނީ ކޮޅަކަށް 70 ރުފިޔާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ މި ދަތުރުތައް ކުރުމަށް ހަމަޖައްސާފައިވަނީ އެ ކުންފުނީގެ އެއާކޮންޑިޝަން ފެރީތަކުގައި ކަމަށެވެ. އެ ފެރީގައި ކުރާ ދަތުރުގެ ދިގުމިނަކީ 35 މިނެޓް ކަމަށްވެސް ވިދާޅުވިއެވެ.
ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްޓީއެލް އޮންލައިން ޕޯޓަލް (mv.mtcc.stl) މެދުވެރިކޮސް ޓިކެޓް ނެގޭނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުނ،ް އެމްޓީސީސީގެ މަޤުޞަދަކީ އެކަށީގެންވާ
އަގެއްގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.