މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ތެރެއިން ޚުލްޤުވެރިކަން އަށަގަންނުވާނެކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތިން އަރައިގަތުމަށް ރާއްޖޭގައި މަރުކަޒެއް ޤާއިމުކޮށް ފަރުވާދޭން ފެށީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާހިސާބަށް އައިރު ފަރުވާގެ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސް، ޒަމާނީ ޓެކްނީކްތައް ބޭނުންކުރަން ފަށާފައެވެ. ރާއްޖޭގައި މިހާރު ހަރުދަނާ ފަރުވާގެ ނިޒާމެއް ޤާއިމުކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނެޝަނަލް ޑްރަގް އެޖެންސީގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ އެކަށީގެންވާ ފަރުވާގެ ނިޒާމެއް ޤާއިމުކުރެވޭނީ ކޮންމެ މީހަކަށްވެސް ގާތުން ނަޞޭހަތްދީ ވާހަކަދައްކައިގެން ކަމަށެވެ. އެ ގޮތުން ކޮންމެ މީހެއްގެވެސް މިޒާޖާއި ބޭނުންވާ ކަންކަމަށް ފަރުވާ ދިނުމުގައި ރިޢާޔަތްކުރަންޖެހޭކަމަށް ރާޝިދު ވިދާޅުވިއެވެ.
ރާޝިދު ވިދާޅުވީ ފަރުވާގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެތިން އަރައިގަތުމަށް އެހީވެދިނުމުގެ އިތުރަށް އަނބުރާ ދިރިއުޅުމައިގެން ކުރިއަށްދިއުމަށް މަގު ކޮށައިދޭނެ ކަމަށެވެ. އެ ގޮތުން މީހާއަކީ ހެޔޮ، އަޚުލާޤު ރަނގަޅު، ޚުލްޤުވެރި މީހަކަށް ހެދުމަށް ފަރުވާގެ ތެރެއިން ޚާއްސަ ސަމާލުކަމެއްދެމުންދާކަމަށް ރާޝިދު ވިދާޅުވިއެވެ.
"މީހާގެ ޒާތީ ދިރިއުޅުމާއި އޭނާ ފޫހިވާ ކަންކަމާއި ޝައުޤުތަކުގެ ވާހަކަ ދައްކަންޖެހޭ. އެކަން ދެނެގަނެވިގެން ފަރުވާދިނީމަ އޭނަ ބަދަލުވޭ. ދެން އޭނާއަށް ބޭނުންވާ ކަންކަން ވަށައިޖެހޭނެ ގޮތަކަށް ކޮށްދީގެން ރަނގަޅު ހެޔޮ މީހެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރެވޭނީ." ރާޝިދު ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާ ދެމުން އަންނަނީ އެ ޢަމަލުގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބަންދުގައި ބަހައްޓައިގެން، އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެންކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.
މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެއް ރާއްޖޭގައި ހުރެއެވެ. ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ފަރުވާއަށް ބޭނުންވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ސެންޓަރުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތެވެ. އެ ގޮތުން ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް 1000 ޖާގަ އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.