ޚަބަރު

އައްޑޫއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި


  • 1.8 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ވަނީ އިންސްޓޯލްކޮށްފައި

  • ހަލާކުވެފައިވާ 3 ޖަނަރޭޓަރުގެތެރެއިން 1 ޖަނަރޭޓަރުވެސް މިއަދު އޮޕަރޭޝަނަށް ގެނެވޭނެ

އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު ބޭނުންކުރަން ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ގެނައި 1.8 މެގަވޮޓުގެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ވިދާޅުވީ އައްޑޫސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި އައްޑޫގައި ހަލާކުވެފައި ހުރި 3 ޖަނަރޭޓަރުގެތެރެއިން ތެރެއިން 1 ޖަނަރޭޓަރު ހެދުމަށްފަހު މިއަދު ބޭނުންކުރަން ފަށާފައިވާކަމަށް ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން ހަލާކުވުމުގެ ސަބަބުންނެވެ. މިއާއެކު އެ ސިޓީގައި ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ. އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އައްޑޫ ސިޓީއަށް މީގެ ކުރިންވެސް ޖަނަރޭޓަރު ފޮނުވާފައެވެ. އެގޮތުން، މި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެސިޓީއަށް 3 ޖަނަރޭޓަރު ފޮނުވާފައިވެއެވެ.

އައްޑޫ ސިޓީގައި މިހާރު ބޭނުން ކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ގިނައިން ހުރީ 1.8 މެގަވޮޓް ނުވަތަ އެއަށް ވުރެ ކުދި ސައިޒުގެ ޖަނަރޭޓަރުތަކެވެ.

އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލުތައް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނައިރު މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނަކައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި އެކަމުގެ މަޢުލޫމާތުތައް ވަރަށް އަވަހަށް އާންމުކުރާނެކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.