ގއ. ވިލިނގިލީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މިގޮތުން 3 ވަނަ ފިޔަވަހީގެ ދަށުން ބަނދަރު ފުންކޮށް، ބޭރުތޮށިލުމާއި ރިވެޓްމަންޓްގެ އިތުރުން އެއްގަމު ތޮއްޓެއްލުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
މަސްވެރިކަމުގެ ގިނަ ދޯނިތަކެއް ހަރަކާތްތެރިވަމުން އަންނަ ގއ. ވިލިނގިލީގެ ބަނދަރުގެ މަސައްކަތްކުރަމުން ދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިންނެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތުގެ ދަށުން މިހާތަނަށް 54 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިގޮތުން ބޭރުތޮށީގެ އެތެރެވަރީގައި ހެދުމަށް ހަމަޖެހިފައިވާ ވާޓަރުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގ މަސައްކަތްތައްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ވިލިނގިލީ ބަނދަރަކީ ދެކުނުގެ މަސްވެރިކަމުގެ ސިނަޢަތުގައި މުހިއްމު ބަނދަރެކެވެ. އެއީ އިޤްތިޞާދީގޮތުން މުޅި ސަރަޙައްދުގެ ތަރައްޤީއާއިވެސް ގުޅިފައިވާ ބަނދަރެކެވެ. މިގޮތުން ވިލިނގިލީގައި އެކަނިވެސް 20 އަށްވުރެ ގިނަ ކަންނެލި ދޯނި އޮވެއެވެ. އެހެންކަމުން ޖާގައިގެ ދަތިކަން މިހާރު ކުރިމަތިވެފައިވާ ވިލިނގިލީގެ ބަނދަރަކީ ސަރަޙައްދުގެ އިތުރުން އެރަށުގެ މަސްވެރިކަން ކުރިއެރުވުމުގައިވެސް މުހިއްމު ބަނދަރެކެވެ.
މީގެއިތުރުން މަސްކިރުވުމަށް ރާއްޖޭގެ އެހެން ސަރަޙައްދުތަކުން އަންނަ ދޯނިތައްވެސް މަޑުކޮށްލުމަށް އަންނަ ވިލިނގިލީ ބަނދަރުގައި ޖާގަނެތުމަކީ އެކަމުގެ މަންފާ އެންމެ ރަނގަޅަށް ރަށަށް ނުކުރާ ސަބަބެއްކަމަށް އެރަށު މީހުން ދެކެއެވެ.
ގއ. ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ %54 ވަނީ ނިމިފައި
— Ministry of Construction, Housing & Infrastructure (@MoCImv) April 6, 2025
މަޝްރޫޢުގެ އަދާހަމައަށް ބަލާއިރު، ސޭންޑްފިލް ބްރޭކްވޯޓަރުގެ ކީވޯލް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގ މަސައްކަތްތަކެވެ.
Images via: @MTCCPlc #HarbourProjects pic.twitter.com/bucfONYbxH
އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެކި ފިޔަވަހިތަކުގައިވަނީ ކޮށްފައެވެ. އެހެންނަމަވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ދިޔަކަން އެރަށު ކައުންސިލުންވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ. އެމްޓީސީސީއިން މިހާރު މަސައްކަތް ކުރިއަށްގެންދާއިރު، މަސައްކަތުގެ ސްޕީޑު ރަނގަޅުކަމަށާއި މިބަނދަރުގެ މަސައްކަތް އަވަހަށް ނިމިގެންދިޔުމަކީ ރަށުގެ ރައްޔިތުންގެ ބޮޑު އެދުމެއްކަމަށް ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން، 59000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދުގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 114 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.