ޖަރުމަނުގެ ބަޔާން މިއުނިކް އާއި ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް މައްސަލައެއް ނެތް ކަމަށް އެ ޓީމުގެ ފޯވަޑް ތޯމަސް މުލާ ބުނެފި އެވެ.
ތޯމަސް މުލާ މިހެން ބުނެފައިވަނި މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލާނެ ކަމަށް މީގެ ކުރިން އިއުލާން ކުރުމަށްފަހުގަ އެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމު ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ މި ސީޒަނަށްފަހު ބަޔާން މިއުނިކް ދޫކޮށްލާނެ ކަމަށެވެ.
"އަހަރެން ބޭނުންވަނީ މި ކްލަބުގައި މަޑުކުރަން ނަމަވެސް ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން އެކަމަށް އަހަރެން އިހުތިރާމް ކުރަން." މުލާ ބުނެފައިވެ އެވެ.
މުލާގެ އިންސްޓަގްރާމްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ވަނީ އެ ކްލަބުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަރެންނަށް ތާއިދުކުރާ ހުރިހާ އެންމެނަށްވެސް ޝުކުރު އަދާކުރަން. އަދި އަހަރެންނާއި ކްލަބާއި ދެމެދު އެއްވެސް މައްސަލައެއް ހިތްހަމަނުޖެހުމެއް ނެތް. އަހަރުމެންގެ ވިސްނުން މި ވަގުތު ހުރީ އިންޓަރ މިލާނާއި ދެކޮޅަށް ކުޅޭ މެޗަށް." މުލާ ބުނެފައިވެ އެވެ.
2008 ވަނަ އަހަރުން ފެށިގެން ބަޔާން މިއުނިކްގެ ސީނިއާ ޓީމަށް ކުޅެމުންދާ އުމުރުން 35 އަހަރުގެ މުލާ ވަނީ އެ ކްލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. ބަޔާން މިއުނިކަށް އޭނާ މިހާތަނަށް ކުޅެދިން 497 މެޗުގައި ވަނީ 150 ލަނޑު ޖަހާފަ އެވެ.
އަދި 2010 ވަނަ އަހަރުން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް ކުޅުނު 131 މެޗުގައި 45 ލަނޑު ޖަހާފަ އެވެ.
މުލާ ވަނީ ޖަރުމަނުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ ބަޔާން މިއުނިކް އާއިއެކު ބުންޑެސްލީގާ 12 ފަހަރު, ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު, ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު, ފީފާ ކްލަބް ވޯލްޑްކަޕް ދެ ފަހަރު އަދި ޖަރުމަނުގެ ސުޕަކަޕް އަށް ފަހަރު ހޯދާފަ އެވެ.