ޚަބަރު

އައްޑޫ ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް އަޅާނެބަޔަކު ހޯދަނީ


  • އެރަށުން 858،462 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައި

  • މިރަށްދޭނީ 50 އަހަރުގެ މުއްދަތަކަށް

އައްޑޫ ސިޓީގައި އޮންނަ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. ސަވާހިލި އޮންނަނީ އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް ހިންގަން ނިންމާފައިވަނީ އެރަށުން 858،462 އަކަފޫޓުގެ ބިމަކާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަމަށެވެ.

މި ފެސިލިޓީގައި މަދުވެގެން 10 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތަކާއި، މޫދުކުޅިވަރުގެ ޚިދުމަތް ލިބެން ހުންނަންޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސްޕާ، ވެލްނަސް ސެންޓަރ، ސުވިމިން ޕޫލާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވަނީ އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށްކަމަށް ވަނީ ވިދާޅުވެފައެވެ. ތަރައްގީކުރާ ސަރަހައްދު ކުއްޔަށް ދޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަކަށްކަމަށް މި އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އެ މަޝްރޫއުގެ ބީލަން ފޮތް ކައުންސިލް އިދާރާ އަދި އީމެއިލް މެދުވެރިކޮށް ވިއްކާނީ މާދަމާއިން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9އިން މެންދުރު 1 އަށްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.