ޚަބަރު

އައްޑޫ ސިޓީ މަގުހެދުމުގެ މަސައްކަތް ދެމަހެއްހައި ދުވަހުގެތެރޭ ނިމޭނެ: އިމާރާތްކުރުމާބެހޭ ވަޒީރު


  • މިހާރު ކުރަމުންދަނީ ފެން ހިންދާ ޕަންޕުތައް ކޮމިޝަންކުރުމުގެ މަސައްކަތް

  • މަގު ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިފައި

އައްޑޫ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފެށީ 2022 ވަނަ އަހަރުއެވެ.

އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މިހާރު ކުރަމުންދަނީ ފެން ހިންދާ ޕަންޕުތައް ކޮމިޝަން ކުރުމުގެ މަސައްކަތްކަމަށެވެ. އަދި މަގު ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަށް ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާފައި ބޭނުންކުރަން ފެށޭނެ. މިހާރު ކުރިއަށްދާ މަސައްކަތްވެސް މާ ލަސްތަކެއް ނުވެ ނިމޭނެ." ވަޒީރު ވިދާޅުވިއެވެ.

އައްޑޫގެ މަގުތައް ތަރައްޤީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. މި މަސައްކަތުގެ ދަށުން 100 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ މަގުތައް ދަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންނެވެ. އަދި ފެން ހިންދާ ނިޒާމު ޤާއިމްކޮށް މަގު ބައްތި ޖަހައި، ކެމެރާ ސީސީޓީވީ ނެޓްވޯކަކުން ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިއީ 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

އައްޑޫ ސިޓިގެ މަގުތައް ތަރައްްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ބައެއް މަގުތަށް ސިމެންތި ފަށަލައެއް އަޅައިގެން ތަރައްޤީކުރުމަށް ކަނޑައަޅަފައި އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ މަގުތަށްވެސް ތާރު އަޅައިގެން ނުވަތަ ގައު އަތުރައިގެން ތަރައްޤީކުރުމަށް ނިންމަވާފައެވެ.

މީގެ އިތުރުން އައްޑޫގެ ލިންކް ރޯޑު ތަރައްޤީކޮށް އައްޑޫ ފޭދޫގައި ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި ސިމެންތި ބޭސް އަޅައިގެން ހަދާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާފައެވެ. މިދިޔަ ސަރުކާރުން އައްޑޫގެ މަގުތައް ހަދަން ނިންމިއިރު، ބައެއް މަގުތަކުގައި ތާރު އެޅުމާއި އައްޑޫ ފޭދޫގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ނިންމަވާފައިނުވެއެވެ. އެހެންކަމުން ވަކިން ކުރިއަށްގެންދާ އެ މަސައްކަތްތައް ނިންމާލުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.