ޚަބަރު

ރަށްވެހީންގެ ސައްލާ: ލާމަރުކަޒީ ނިޒާމުގައި ޖަމްޢިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން މުހިންމު މަޝްވަރާތަކެއް


  • ޖުމްލަ 55 ފަރާތެއް ވަނީ ބައިވެރިވެފައި

  • ކައުންސިލްތަކާ މުޖުތަމަޢުތަކުގެ ގުޅުން ހަރުދަނާކުރެވޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރާނެ

"ރަށްވެހީންގެ ސައްލާ" ފޯރަމުގައި ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން މުހިންމު ގިނަ ދާއިރާތަކުން މަޝްވަރާ ކުރެވިގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

"ރަށްވެހީންގެ ސައްލާ" ފޯރަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ވަރަށް މުހިންމު، އަދި އޭގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ފޯރަމެއްކަމަށާއި އަދި ރައްޔިތުންގެ ބައިވެރިވުން މި ނިޒާމަށް މުހިންމުވާކަން މި ސައްލާއިން އެނގިގެންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

3 ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

"ރަށްވެހީންގެ ސައްލާ"ގައި މަޝްވަރާ ކުރާ މުހިންމު ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވޭނެ ގޮތްތަކުގެ އިތުރުން އިފެކްޓިވް ކޮމިޔުނިކޭޝަން އަދި ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމާއި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެކަމަށް އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމާއި، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ހޯދާދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކައުންސިލްތައް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރަން ކަމަށާއި، ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިޔުމަށް ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.