މުލީ އެއަރޕޯޓު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރިތައްވަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ. މުލީ އެއަރޕޯޓު މިމަހުގެ ތެރޭގައި ހުޅުވުމަށް އެކުންފުނިންދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ ތަސައްވުރާއެކު ސަރުކާރުން މ.މުލީގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއަރޕޯޓުގެ މަސައްކަތް ނިންމާ ޚިދުމަތަށް އެއަރޕޯޓު ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތްކުރީ 2023 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހެދި އެއަހަރުގެ ތެރޭގައި ހުރިހާކަމެއް ނިންމާ އެއަރޕޯޓު ބޭނުންކުރެވޭ ވަރަށް ވަނީ ތަރައްޤީ ނުކުރެވިފައެވެ.
ސަރުކާރުން މިހާރުދަނީ މިއެއަރޕޯޓުގެ މަސައްކަތް ނިންމާ މިމަހުގެ 25 ވަނަ ދުވަހު ޓެސްޓު ފްލައިޓުތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، އެއަރޕޯޓުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.
އެގޮތުން އެއަރޕޯޓުގެ މަސައްކަތްތައް، ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންތައް މިހަފްތާގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް، މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އެވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އާއި ސިވިލް އެވިއޭޝަން އޮތޯރިޓީގެ ޓީމުތައް ދާނެކަމަށް މުބީން ވިދާޅުވިއެވެ. އަދި ސިވިލް އެވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ޓެސްޓު ފްލައިޓުތައް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، އެއަރޕޯޓުގެ ފަޔަރ ޓްރަކް މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް ކޮންޓްރެކްޓަރ މަޢުލޫމާތު ދެއްވާކަމަށެވެ. މިމަޝްރޫޢުގެ ދަށުން މުލީގައި 1500 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމަށް މަސައްކަތްދަނީ ކުރަމުންނެވެ. މިމަޝްރޫޢުއަށް ސަރުކާރުން 221 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ޚަރަދުކޮށްފައެވެ.
އާބާދީގައި 8000 މީހުން ދިރިއުޅެމުންދާ، މ.އަތޮޅުގައި ތަރައްޤީކުރާ މިއެއަރޕޯޓަކީ އެއަތޮޅުގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާކަމެކެވެ. މިމަޝްރޫޢާއެކު އެސަރަޙައްދުގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ދާނެކަމަށް އެސަރަޙައްދުގެ ރައްޔިތުން ޤަބޫލުކުރެއެވެ.