ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ "ޔުނިއިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ" އުންރުވާއިން އިރުމަތީ ޤުދުސްގައި ހިންގަމުން އަންނަ ސްކޫލްތައް ބަންދުކުރަން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.
ފަލަސްޠީނުގެ ޚަރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ޔަހޫދީ ދައުލަތުން ވަނީ އުންރުވާގެ އެހީގައި ހިންގާ 6 ސްކޫލެއް ބަންދުކުރަން އަމުރުކޮށްފައެވެ. އޭގެ ތެރެގައި ޝޫފަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ސްކޫލަކާއި ސިލްވާން، ވާދީ އަލް ޖޯޒް އަދި ސޫރް ބަޙްރު ސަރަހައްދުތަކުގައި ހުރި ސްކޫލްތައް ބަންދުކުރުމަށް ޔަހޫދީ ދައުލަތުން އަމުރުކުރުމާ ގުޅިގެން މިހާރު ވަނީ އެ ސްކޫލްތައް ބަންދުކޮށްފައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން އުންރުވާގެ ސްކޫލްތައް ބަންދުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ސްކޫލް ހުޅުވުމުގެ ލައިސަންސް ނެތުމެވެ. ނަމަވެސް ޔަހޫދީ ދައުލަތުގެ ޤާނޫނު ހަދާ މަޖިލިހުން ވަނީ އުންރުވާއަކީ ޓެރަރިސްޓުންނަށް އެހީވާ ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމުއިއްޔާއާ އެއްވެސް ގުޅުމެއް ނުބާއްވަން ފާސްކޮށްފައެވެ.
ފަލަސްޠީނުގެ ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވަނީ ޔަހޫދީ ދައުލަތުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ތަޢުލީމަކީ ބައިނަލްއަގުވާމީ އިންސާނީ ޙައްގުތަކާއި ޤާނޫތަކުން ކަށަވަރުކުރަންޖެހޭ ޙައްގެއް ކަމަށާއި އެ ޙައްގު ކޮންމެ މީހަކަށްވެސް ކަށަވަރުވާންޖެހޭނެ ކަމަށް އެ ބަޔާނުގައި ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާތައް އަމާޒުކޮށް ޔަހޫދީ ދައުލަތުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި ޚިލާފު އަމަލެއް ކަމަށާއި އެއީ ފަލަސްޠީނުގެ ކުދިންނަށް ދެވޭ ތަޢުލީމު ސިޔާސީ ކުރުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ. މީގެ ސަބަބުން ޔަހޫދީ ދައުލަތުން އަތްގަދަކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ މާސޫމު އެތައް ދަރިވަރުންގެ މުސްތަގުބަލު ގެއްލި އިންސާނީ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަބަބުތަކާހުރެ ޔަހޫދީ ދައުލަތުގެ މި ނިންމުން އަނބުރާ ގެންގޮސް ސްކޫލްފަދަ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމަށް ރާއްޖޭން ގޮވާލާ ކަމަށްވެސް ސަރުކާރުން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ޔަހޫދީ ދައުލަތުން ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް ކުރަމުންދާ އަމަލުތަކުގައި އެ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން 1967ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް ދިވެހި ސަރުކާރު ތާއީދު ކުރާކަން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ތަކުރާރުކުރައްވާފައެވެ.
ޔަހޫދީ ދައުލަތުން އުންރުވާގެ ސްކޫލްތައް ބަންދުކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އުންރުވާއަކީ 1949ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވަމުން އަންނަ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާއިން ވަނީ މިހާތަނަށް ޣައްޒާ އާއި ވެސްޓް ބޭންކް، އުރުދުން، ސީރިއާ އަދި ލުބުނާންގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކޮށް ފޯރުކޮށްދީފައެވެ.