އ.ދގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ޗެއަރކަމަށް ދެ އަހަރު ދުވަހުގެ ދައުރަކަށް ރާއްޖެ އައްޔަންކޮށްފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި، ދެކުނު އޭޝިއާ ސަރަހައްދުގެގެ 37 ވަނަ ޖޮއިންޓް މީޓިންގް އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 2025-2027 ޗެއަރކަމަށް ރާއްޖެވަނީ އައްޔަނުކޮށްފައެވެ. އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އަންގާރަ ދުވަހު ދުވަހު ފެށި މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއަރ ކަމާއި 60 ވަނަ ސީއެސްއޭ ބައްދަލުވުމުގެ ޗެއަރކަން ރާއްޖެއިން ވަނީ ކޮށްފައެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ރިއާޔަތްކޮށް، ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަން ސްޓޭޓް މިނިސްޓަރ ނިޔާޒު ފާހަގަކުރެއްވިއެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާޢަތުގެ ފައިދާ ރަށުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ފޯރުކޮށްދީ، ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. ނިޔާޒު ވަނީ އަލިއަޅުވާލައްވާފައެވެ.
މިދިޔަ އަހަރު 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ރަނގަޅު ކުރިއެރުން ލިބިފައިވާ އެއް ގައުމަކީ ދިވެހިރާއްޖެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި އަހަރު 2.3 މިލިއަން ފަތުރުވެރިންނަށް މަރުޙަބާކިޔުމަކީ ދިވެހިރާއްޖޭގެ އަމާޒުކަމުގައި ވިދާޅުވިއެވެ.