މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް މަސްވެރިންނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވީއިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ އޮތްކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ދައްކާ ޚަލާސްކޮށް މިހާރު ދުވަހުން ދުވަހަށް ފައިސާ ދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދުވަހަށް ދުވަހުން ފައިސާ ދޭން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ބަރާބަރަށް ފައިސާ ދޭންފެށުމުން އޭގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުން. ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން. ބޭނުންވަނީ ދޯނިތަކުގައި ގެންގުޅޭ ބޭރު މީހުންގެ ބަދަލުގައި ދިވެހިން ދޯނިތަކަށް ދާން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ދުވަހުން ދުވަހަށް ފައިސާ ދެމުންދާނެކަމަށެވެ. މީގެއިތުރުން މަސްވެރިންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.