ޚަބަރު

ކުޅުދުއްފުށީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް


  • ކެމެރާތައް ހަރުކުރަން ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީގެ ބަނދަރުގައި ހަރުކުރުމަށް ނިންމާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫއެންއޯޑީސީ ގުޅިގެން ރަށްރަށުގެ ބަނދަރުތަކުގައި ހަރުކުރާ ސީސީޓީވީ ކެމެރާތައް ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ފުލުހުންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާޠިފެވެ.

މި އެއްބަސްވުމުގެ ދަށުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ރަށުގެ އެކި ހިސާބުތަކުގައި ހަރުކުރާގޮތަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ސީސީޓީވީ ކެމެރާ ހަރުކުރަން ހަމަޖެވިފަނީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ކަމަށް ވިދާޅުވިއެވެ.

މި ކެމެރާތަކުގެ ކޮންޓްރޯލް އަދި ސާވަރ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.