ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ވީއޭއެމް ކަޕް 2025 ގެ ފައިނަލް މެޗުގައި ޕޮލިސް ކުލަބު ބަލިކޮށް، ކުލަބު ވެމްކޯއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ފައިނަލު މެޗު ވެމްކޯއިން ކާމިޔާބުކުރީ ޕޮލިސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ގެންދިޔައީ 25-20 އިންނެވެ. މި ސެޓުގައި ޕޮލިހުން ވަނީ ވަރަށް ގާތުން ވާދަކޮއްފައެވެ.
މެޗުގެ ދެވަނަ ސެޓު ވެމްކޯ ގެންދިޔައީ 25-19 އިންނެވެ. ތިންވަނަ ސެޓު ފަށައިގެން ޕޮލިހުން ރަނގަޅަށް ކުޅެ ލީޑު ނެގި ނަމަވެސް ސެޓުގެ މެދު ތެރެއިން ވެމްކޯ ވަނީ ކުރިއަރާ 25-19 މޮޅުވެ މެޗު ކާމިޔާބުކޮއްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ތައިލަންޑް ކުޅުންތެރިޔާ ޕަޓިޔާއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ބެސްޓް އައުޓްސައިޑް އެޓޭކަރގެ މަގާމް ހޯދީ ވެމްކޯ ޓީމަށް މޮޅަށް ކުޅުނު އައިޝަތު މާޖިދާއެވެ. މުބާރާތުގެ ބެސްޓް އައުޓް ސައިޑް އެޓޭކަރަކަށް ދެން ހޮވުނީ ޕޮލިހުގެ އައިމަނަތު އަރީޝާއެވެ. އެންމެ މޮޅު އޮޕަސިޓް ޕްލެޔަރަކީ ޕޮލިސް ޓީމުގެ ހައްވާ ރާޝިދާއެވެ.
އެންމެ މޮޅު މިޑިލް ބްލޮކަރަކީ ޕޮލިސް ޓީމުގެ މަރިޔަމް އަޒުމާއެވެ. ދެން އެންމެ މޮޅު މިޑިލް ބްލޮކަރަކަށް ހޮވުނީ ވެމްކޯ ޓީމުގެ ނަރީމާ އިދުރީސްއެވެ. އެންމެ މޮޅު ސެޓަރަކީ ވެމްކޯ ޓީމުގެ އައިޝަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ލިބަރޯ އަކީ ވެމްކޯ ޓީމުގެ ނުހާ ވަހީދެވެ.
މުބާރާތުން އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ހުރާ ކޮމިއުނިޓީ ކުލަބުގެ އައިޝަތު ދީމާ ނަދީމްއެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަޙްމަދު އަދީލްއެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މިއަހަރު ވޮލީބޯލް ސީޒަންގެ އަންހެން ދެވަނަ މުބާރާތް ގައުމީ ވޮލީބޯލް ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފެށޭނެއެވެ.