ކުޅިވަރު

ގައުމީ ވޮލީ ލީގު: ވެމްކޯ ފެށީ މޮޅަކުން


ގައުމީ ވޮލީބޯޅަ ލީގުގައި ހުރާ ކޮމިއުނީޓީ ކުލަބުގެ މައްޗަށް ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއިން ފެށުން ރަނގަޅުކޮށްފިއެވެ.

މިމެޗު ވެމްކޯއިން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. އެންމެ ފަހުން ވީއޭއެމް ކަޕުގެ ސެމީގަ ވާދަކުރި ދެޓީމުގެ ކުރި މަތިލުން ފޯރިގަދަކޮށް ފެނިގެންދިޔަ އިރު ހުރާ ޓީމުން ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗު ވެމްކޯ ކާމިޔާބުކުރީ ފަސް ސެޓަށް ގޮސްގެންނެވެ.

ރޭ މި ދެޓީމު ވާދަކުރި މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ޓީމުން ކާމިޔާބު ކުރީ 25-19 އިންނެވެ. ޖެހިގެން އައި ސެޓްގައި ހުރާ ޓީމުން ނަތިޖާގެ ފަރަގު ކުޑަކުރި ނަމަވެސް ވެމްކޯ އިން އެ ސެޓް ކާމިޔާބުކުރީ 25-22 އިންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓް ވެމްކޯ ކާމިޔާބުކުރުމުން ފަސޭހަކޮއްލުމުގެ ފައިދާ ނަގާ ހުރާ ޓީމުން ތިންވަނަ ސެޓު ކާމިޔާބުކުރިއެވެ. މި ސެޓް ހުރާ ޓީމުން ގެންދިޔައީ 25-16 އިންނެވެ. މި ސެޓް ހުރާ ޓީމުން ގެންދިޔުމާ އެކު ފޯރި ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް ހަތަރު ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް ވެމްކޯ ވަނީ 25-15 ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ތައިލޭންޑް ކުޅުންތެރިޔާ ޕައްޓިއާއެވެ. ފައްޓިއާ އަކީ ވީއޭއެމް ކަޕްގައިވެސް ވެމްކޯއަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ވީއޭއެމް ކަޕްގައި ވެމްކޯ ޓީމަށް ކުޅުނު ނޮޓިލަމް ދޫކޮށްލުމަށްފަހު ޤައުމީ ލީގަށް ވެމްކޯއިން ވަނީ ބްރެޒިލްގެ ތަޖްރިބާކާރު ކުޅުންތެރިއެއް ގެނަސްފައެވެ.

ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަންގައި ގަދަ ހަޓީމު ވާދަކުރާއިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.