ދެ ޙަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ގުޅޭ މަޢުލޫމާތު މީޑިއާތަކާއި ޙިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، ޑރ. ޞަލާޙުލް ބުދައިރުގެ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިސް ޝަޙުސިއްޔަތުން ރާއްޖެ ގެންނެވުމަށް ކުރެވޭ މަސައްކަތްޕުޅުތަކުގެ ފެށުންކަމަށެެވެ. އަދި މި ދައުރުގެ ތެރޭގައި ކުރިއަށް އޮތްތަނުގައި ފާހަގަކޮށްލެވޭ އިތުރު ބޭފުޅުން ގެންނެވުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޙަރަމްފުޅުގެ އިސް އިމާމެއް ރާއްޖެ ވަޑައިގެންނެވުމުން ހާމަކޮށްދެނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތް ގުޅުން. މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ދެ ޤައުމުގެ ގުޅުން އިތުރުވެގެންދާނެ."އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހުގެ އިތުރުން ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި، އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާވެސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ.
އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ބުދަ ދުވަހު މަޣުރިބު ނަމާދާއި އިޝާ ނަމާދު ސަލްމާނު މިސްކިތުގައި ކުރައްވާނީ ޑރ. ޞަލާޙުލް ބުދައިރުއެވެ. އަދި ބުރާސްފަތި ދުވަހުގެ އިޝާނަމާދު އިސްލާމީ މަރުކަޒުގައި ކުރެއްވުމަށްފަހު އެރޭ އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ޑރ. ޞަލާޙުލް ބުދައިރުގެ ދަތުރުފުޅުގައި ޕްރީ ސްކޫލްގެ ދަރިވަރުންނާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.