ޚަބަރު

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގައި ލުއިތަކެއް


  • މި ފައިނޭންސިން 3 ސްކީމެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ހުޅުވާލާފައި

  • ކުރެހުން ހުށަހެޅުމަށް ލުއި ދިން ނަމަވެސް ފާސްކުރި ލިއުން އިވެލުއޭޝަން މަރުހަލާގައި ހުށަހަޅަން ޖެހޭ

ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން، ބޯހިޔާވަހިކަން ހޯދަން ހުށަހެޅި ފަރާތްތަކަށް ބޭންކަށް ލިޔެކިއުން ހުށެހުމުގައި ލުއިތަކެއް ދިނުމަށް އުސޫލަށް ބަދަލު ގެނެސްފިއެވެ. އުސޫލުގެ ދަށުން ލުއިދީފައިވަނީ ގެދޮރުގެ ކުރެހުން ހުށެހެޅުމުގެ ބަޔަށެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ. މި ސްކީމުގެ ދަށުށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިލަން ލިބޭނެއެވެ.

މި ސްކީމުގެ ދަށުން އެޕްލިކޭޝަންގައި ހުށަހަޅަން ޖެހޭ ލިއުންތަކުގެ ތެރޭގައި ފާސްކުރެވިފައިވާ ކުރެހުމެއް އޮންނަންޖެއެެވެ. މި ކުރެހުން ހުށަހެޅުމަށް ހިމަނާފައިވަނީ ބޭންކުތަކުން ކުރެހުން ބޭނުންވާތީ ކަމަށް، ގެދޮރުވެރިކަމާއި ބޭހޭ ވުޒާރާއިން ވިދާޅުވެއެވެ. މިކަމުގައި އުޞޫލުގެ ތެރެއިން ލުއިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

އެހެންކަމުން ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕް ކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ. މި ގޮތަށް އުސޫލު ބަދަލު ކުރި ނަމަވެސް، އިވެލުއޭޝަން މަރުހަލާގެ ތެރޭގެ އެ ލިޔުން ހުށަހަޅަން ޖެހޭނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް"ގެ ދަށުން 1 މިލިއަން ރުފިޔާ، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން "ސަހަރު ފައިނޭންސިންގ ސްކީމް"އަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި މާލެ ސަރަޙައްދަށް ޚާއްޞަ "ފަހިމާލެ ފައިނޭންސިން ސްކީމް"އަށް 6 މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ. މާލެ ސަރަޙައްދަށް ހުލުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާގެ ފައިނޭންސަށް އެދެވޭގޮތަށް އުޞޫލު ވަނީ އެކުލަވާލާފައެވެ.

ސަރުކާރުން ކުރެހުންތައް ހުށަހެޅުމަށް ދީފައިވާ ލުއި، ހިޔަވަހި ސްކީމުގެ ދަށުން ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދޭން މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި 1 ބިލިޔަން ރުފިޔާ ސަރުކާރުން ބޭންކުތަކަށް މި ސްކީމަށް އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ފައިނޭންސިންގް ދޫކުރާއިރު ޖުމްލަ 2 ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ، 2028 ވަނަ އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ފުރުޞަތު ނުލިބޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ވަޢުދުފުޅާއެކުއެވެ. ހިޔާވެހި ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގުހެޔޮ، އަދި އެންމެ ބޮޑު ފައިނޭންސް ސްކީމެވެ.