ކުޅިވަރު

ގައުމީ ވޮލީ ލީގު: ދެވަނަ މޮޅާއެކު ޕޮލިސް އެއްވަނައަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް ޕޮލިސް ކުލަބު ޖެހިލައިފިއެވެ.

ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕޮލިސް ކުލަބު މޮޅުވީ، ސިޓީ ފްރެންޑްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮއްގެންނެވެ.

މެޗުގެ ފުރަތަމަ ދެސެޓުގައި ސިޓީ ޓީމުން ވަނީ ރަނގަޅު ވާދައެއްކޮށް ނަތީޖާ ފަރަގު ކުޑަކޮއްފައެވެ. އެގޮތުން ފުރަތަމަ ސެޓު 26-24 އިން ޕޮލިސް މޮޅުވިއިރު ދެވަނަ ސެޓު ޕޮލިސް ގެންދިޔައީ 25-20 އިންނެވެ.

ފުރަތަމަ ދެ ސެޓު ޕޮލިހުން ގެންދިޔުމާއެކު މެޗުގެ ތންވަނަ ސެޓު ފެނިގެންދިޔައީ ފަސޭހަކޮށެވެ. އެގޮތުން މި ސެޓް ޕޮލިހުން ކާމިޔާބުކުރީ 25-15 އިންނެވެ.

މި މޮޅާއެކު ހަ ޓީމު ވާދަކުރާ ލީގުގެ އެއްވަނައިގަ ޕޮލިސް ކުލަބު އޮތީ ހަ ޕޮއިންޓާއެކުއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.