ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި އޮތް މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވަނީ، ޑރ. ޞަލާޙުލް ބުދައިރަށް މަރުޙަބާ ދަންނަވާ ވުޒާރާގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވާ ދިވެހިރާއްޖެއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ވެރިންނަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން ބުދައިރުވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ.