ޚަބަރު

މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ: ވަޒީރު ޠާރިޤު


  • މި ސަރުކާރުންވެސް ވަނީ ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްފައި

  • އަމާޒަކީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުން

މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިހާރު ރާއްޖޭގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ތަފްސީލްތައް ހިއްސާކުރަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ 156 ތަނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި އެކު 61 ތަނެއްގެ މަސައްކަތް މިހާރުވަނީ މަޑުޖެހިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސައްކަތް މަޑުޖެހިފައި ހުރި ތަންތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފަތުރުވެރިކަމުގެ ވުޒާރާއިން ފޯރުކޮށްދެމުންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ކްލޯސްޑް ބިޑިންގގެ ދަށުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްފައިވާކަމަށެވެ.

"ކްލޯޒްޑް ބިޑިންގގެ ދަށުން ފަތުރުވެރިކަމަށް 10 ތަނެއް ވަނީ ހަވާލުކޮށްފައި، ކްރޮސް ސަބްސިޑީގެ ދަށުން 3 ތަނެއް ހަވާލުކޮށްފައިވާއިރު އޯޕަން ބިޑިންގެ ދަށުން 3 ތަނެއް ވަނީ ޢިއުލާންކޮށްފައި" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ އަމާޒަކީ މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ފަތުރުވެރިކަމުގެ ލޯ ސީސަންގައި މާކެޓިންގ ހަރކާތްތައް އިތުރުކޮށް، މުޅި އަހަރުތެރޭގައި ރާއްޖެ މާކެޓުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް މިދިޔަ އަހަރު އަލަށް 1،500އަށް ވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ ޖުމްލަ އަދަދު ހުރީ 61،650 ގައެވެ. އަދި މިހާރު މިއަދަދުވަނީ 63،248އަށް އަރާފައެވެ. މިއީ 1،598 އެނދުގެ އިތުރުވުމެކެވެ.