ޚަބަރު

އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށް، ޔަހޫދީ ދަޢުލަތުން ރަހުމެއްނެތި މުޅި ޣައްޒާ ސުންނާފަތިކުރަނީ


ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސް ފަދަ އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް ބަންދުކޮށްގެން، ގެދޮރު ގެއްލިފައިވާ މީހުން ތިބޭ ވަގުތީ ހިޔާތަކަށާއި، މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ޙަމަލާތައް ދެމުންގެންދާތާ އަށް ހަފްތާވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ފަލަސްޠީނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގައި އދ.އިން ސިފަކޮށްފިއެވެ.

ޔަހޫދީންގެ ނިރުބަވެރި ފައުޖުން ރޭ ވެސް ޣައްޒާގެ މެދުތެރޭގެ ސަރަޙައްދުތަކަށް ޙަމަލާދީ 13 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނޭކަމަށް، އަލްޖަޒީރާ ނޫހުގެ ނޫސްވެރިން ބުންޏެވެ.

އޭގެ ޙަމަލާއެއްގައި އިތުރު ނޫސްވެރިއަކު ވެސް ޝަހީދުވެފައިވާއިރު، މި ހަނގުރާމަ ފެށުނު ފަހުން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދިން ޙަމަލާތަކުގައި މަރައިލި ނޫސްވެރިންގެ އަދަދު މިހާރު ވަނީ 232 އަށް އަރައިފައެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ގެ މުއާސަލާތާބެހޭ ސެންޓަރުން ބުނި ގޮތުގައި އެއްވެސް ރަހުމެއް ނެތި ހުއްޓާނުލައި، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދަނީ ޣައްޒާއަށް ލާއިންސާނީ ޙަމަލާތައް ދެމުންނެވެ.

ފާއިތުވި ހަފުތާތަކުގައި ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ދީފައިވާ ޙަމަލާތައް ވަކިން ވަރުގަދަ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ. އެ ގޮތުން ޓޭންކަރާއި މަތިންދާ ބޯޓާއި މަނަވަރު ބޭނުން ކޮށްގެން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ޔަހޫދީން ދެމުންދާ ކަމަށް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ގޭގެއާއި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކާއި މަގުތަކަށެވެ. ވައިގެ ޙަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރާ ބުލް ޑޯޒަރުތަކާއި އެހެނިހެން އުޅަނދުތަކަށް ބޭނުން ނުކުރެވޭ ވަރަށް ގެެއްލުން ލިބިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.

ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތީ، ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޔަހޫދީން އެ ގޮތަށް ޢަމަލު ކުރަމުން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްވުމަށް ފުރުޞަތު ދިނުމަށް ބައިނަލްއަޤްވާމީ ޢަދުލްއިންސާފާބެހޭ ކޯޓު، އައިސީޖޭއިން ނެރެފައިވާ ޢަމުރަކާ ޚިލާފަށެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެފައެވެ.

ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 51،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.