މެދުއިރުމަތީގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ހަކަތައިގެ އެކްސްޕޯޓަށާއި ވިޔަފާރިއަށް އެއްވެސް ހުރަހެއް އެޅުނަނުދިނުމަށްޓަކައި، މުދާއުފުލުމުގެ އައު މަގުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫއޭއީގެ ރައީސްގެ ޚާއްސަ މުޝީރު ޑރ. އަންވަރު ޤަރްޤާޝް ވިދާޅުވެއްޖެއެވެ.
އަބޫދާބީގައި ކުރިއަށްދިޔަ ފޯރަމެއްގައި ވާހަކަދައްކަވަމުން ޤަރްޤާޝް ވިދާޅުވީ، ޔޫއޭއީގެ އިޤްތިޞާދާއި ހަކަތައިގެ ވިޔަފާރިއަކީ އެއްވެސް ފަރާތެއްގެ ދަށުގައި "ރަހީނުވެފައި" އޮތުމަށް ދޫކޮށްނުލާނެ ކަމަށެވެ. މިގޮތުން، ޤައުމުގެ އިރުމަތީ ފަރާތުގެ ބަނދަރުތަކުގެ ޤާބިލުކަން އިތުރުކުރުމާއެކު، ތެޔޮ ހޮޅިތަކާއި ރޭލު ވިއުގަތަކާއި އަދި ވިޔަފާރީގެ އެހެނިހެން މަގުތައް ފުޅާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ޔޫއޭއީން މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، އީރާނުން އެ ޤައުމަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެ ޤައުމުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ނޭދެވޭ އަސަރު މުޅި ސަރަޙައްދުގެ ޢަރަބި ގައުމުތަކަށާއި ޔޫއޭއީގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
އީރާނުގެ ހަމަލާދޭނެކަމުގެ އިންޒާރުތަކާއި އަސްކަރީ ހަމަނުޖެހުންތައް އިތުރުވުމާ ގުޅިގެން، އީރާނުގެ މުހިންމު ވިޔަފާރި ބައިވެރިއެއްގެ ގޮތުގައި އޮތް ޔޫއޭއީން ވަނީ މިދިޔަ އޯގަސްޓް މަހު އެ ޤައުމާއެކު އޮތް ހުރިހާ މާލީ އަދި އިޤްތިޞާދީ މުޢާމަލާތްތަކެއް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.
އީރާނާއެކު އޮންނަ ގުޅުމާ ގުޅޭގޮތުން ޤަރްޤާޝް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އަމަލީ ގޮތުން މަސައްކަތްކުރެވޭނެ ގުޅުމެއް އަލުން ޤާއިމުކުރުމަކީ ކުރެވިދާނެ އަދި ކުރަންވެސް ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް، ހިނގައިދިޔަ ކަންކަމަށްފަހު، ދެ އަވައްޓެރިންގެ މެދުގައި އިތުބާރު އަލުން އުފެއްދުމަކީ މުޅިން ތަފާތު ކަމެއް ކަމަށާއި، އެކަމަށް އެތައް އަހަރެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ސަރަޙައްދުގައި އުފެދިފައިވާ ނުރައްކާތަކާ ދެކޮޅަށް ގަލްފުގެ ޢަރަބި ޤައުމުތަކުން އެކަށީގެންވާ ގޮތެއްގައި ގުޅިގެން މަސައްކަތް ނުކުރެވޭތީ ޤަރްޤާޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، އީރާނުގެ ފަރާތުން ކުރިމަތިވާ ގޮންޖެހުންތައް ހުރިހާ ޤައުމުތަކަކަށްވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި، ނަމަވެސް އެ މައްސަލަތަކަށް އެކަށީގެންވާ ރޭވުންތެރި އަދި ގުޅިގެން ރައްދު ދިނުމުގައި ގަލްފުގެ ޤައުމުތަކުން ފަސްޖެހިފައިވާ ކަމަށެވެ.