ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިމުނު 349 ދަރިވަރުންގެ ދަސްވެނިވެއްޖެއެވެ. ދަސްވެނިވުން ކުރިއަށް ގެންސްފައިވަނީ އެމްއެންޔޫގެ މައި މަރުކަޒުގައެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިންގެ ފަޚުރުވެރިކަމުގެ ނިޝާނެއްކަމަށާއި އަދި ދިވެހި ޤައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއްކަމުގައިއެވެ. އަދި މި ޔުނިވަރސިޓީއަކީ ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ، ރާއްޖޭގެ މާޒީއާއި މުސްތަޤްބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއްކަމުގައިވެސް ވިދާޅުވިއެވެ.
އެގޮތުން ދިވެހިން ބޭނުންވާ ޢިލްމާއި ހުނަރު އުފެއްދުމަކީ ޤައުމީ ޔުނިވަރސިޓީގެ މައިގަނޑު އަމާޒުކަމަށާއި މިމަޤްޞަދު ޙާޞިލްކުރުމަށްޓަކައި، ޔުނިވަރސިޓީން ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، އެކި ދާއިރާތަކުން ތަފާތު ފެންވަރުގެ ކޯސްތައް ތަޢާރަފުކުރުމާއި، އަދި ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު ޢިލްމު ޙާޞިލުކުރުމާއި ފެތުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޔުނިވަރސިޓީގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މި ފަހަރު 9 ފެކަލްޓީއަކުން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މި ފަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ސްކޫލް އޮފް ނާސިންގގެ 101 ދަރިވަރުން އަދި ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން ހިމެނެއެވެ.
ހަމައެހެންމެ ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުންނާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސުޓަޑީސްގެ 8 ދަރިވަރުން އަދި ފެކަލްޓީ އޮފް ޝަރީއަރ އެންޑް ލޯގެ 18 ދަރިވަރުން ހިމެނެވެ.
މީގެ އިތުރުން ފެކަލްޓީ އޮފް ހެލްތް ސައިންސްއިން ދަސްވެނިވި 20 ދަރިވަރުންނާއި ފެކަލްޓީ އޮފް އިންޖީނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގެ 26 ދަރިވަރުންނާއި، ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ 3 ދަރިވަރުންނާއި، އެމްއެންޔޫ ބިސްނަސް ސުކޫލުގެ 44 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގްގެ މާސްޓާރސް ޕުރޮގްރާމް ނިންމާފައިވާ 17 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.