ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިތަމާރް ބެން-ގްވީރް ކުރި ދަތުރަކާ ދިމާކޮށް ޔޭލް ޔުނިވަރސިޓީގައި އޭނާއާއި ޔަހޫދީންނާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ދަރިވަރުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަން އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ. ޔޭލަކީ އެމެރިކާގެ ކަނެޓިކަޓް ސްޓޭޓްގެ ނިއު ހޭވަންގައި ހުންނަ މަޝްހޫރު ޔުނިވަރސިޓީއެކެވެ.
ޔޭލްގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުން އެ ޔުނިވަރސިޓީގެ ކެމްޕަހުގައި ފޭލިގެ ޖަހައި، ބޮޑު މުޒާހަރާއެއް އިންތިޒާމު ކޮށްފައި ވަނީ، އެ ސަރަޙައްދަށް ބެން-ގްވީރް ދަތުރު ކުރުމަށް ހަމަޖެއްސުމާ ގުޅިގެންނެވެ. ބެން-ގްވީރަކީ ފާޅުގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް، ނެތިކޮށްލުމަށް ގޮވައިލަމުންދާ ހައްދުފަހަނަ އެޅި މީހެކެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ޤަތުލުޢާންމު ފުޅާކޮށް، ކާބޯތަކެއްޗަށް ޖެހިފައިވާ ނިކަމެތީންނަށް ޙަމަލާތައް އަމާޒު ކުރުމަށް އޭނާ މިހާރު ވެސް ދަނީ ބާރު އަޅަމުންނެވެ.
ބެން-ގްވީރާ ދެކޮޅަށް އަޑު އުފުލުމަށް މުޒާހަރާތަކެއް އިންތިޒާމު ކުރުމުން ޔޭލުން ވަނީ އެ ކަން ހުއްޓުވާނެ ކަމަށް ބުނެފައެވެ. އަދި، ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތު ކުރާ ހުރިހާ ދަރިވަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮށްފައެވެ. އަދި، ޔަހޫދީންނާ ދެކޮޅު ޚިޔާލު ފާޅު ކޮށްފައިވާ ދަރިވަރުންގެ މައްސަލަ ތަޙުޤީޤުކޮށް، ޔުނިވަރސިޓީން ވަކި ކުރާނެ ކަމުގައި ވެސް އެ ޔުނިވަރސިޓީން ބުންޏެވެ.
މީގެ އިތުރުން، މުޒާހަރާ އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ ޔޭލީސްފޯޕަލަސްޓައިން ޖަމުޢިއްޔާގެ ޤާނޫނީ ހައިސިއްޔަތު އުވައިލާނެ ކަމަށާއި، މުޒާހަރާގައި ބައިވެރިވުމަށް ހިތްވަރުދީ މެސެޖުތައް ފޮނުވާފައިވާ ދަރިވަރުން ހޯދައި، އެ ދަރިވަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ވެސް ޔޭލުން ބުންޏެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުން ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޑިމޮކުރަސީ ފޯ ދި ޢެރެބް ވަރލްޑް ނައު (ޑޯނު)ން ބުނީ، އިންސާނިއްޔަތު ކަމާއި ޤާނޫނީ ގޮތުން ޔޭލް ޔުނިވަރސިޓީ ފޭލުވެފައިވާ ކަމުގައެވެ.
ދަރިވަރުންނާ ދެކޮޅަށް ޔޭލުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މި ވަނީ، ފަލަސްޠީނުގެ ޙައްޤުތައް ޙިމާޔަތް ކޮށްދިނުމާށް ގޮވައިލައި އަޑުއުފުލުމަށް ބާއްވަމުންދާ އެކި މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުން ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެ ފަދަ މުޒާހަރާތަކާއި ހަރަކާތްތައް ބޭއްވުމުގެ ފުރުޞަތު ދޭ ޔުނިވަރސިޓީތަކާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
އޭގެ ތެރޭގައި އެ ޔުނިވަރސިޓީތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ކަނޑައިލުން ހިމެނެއެވެ. ޓްރަމްޕްގެ ސަރުކާރުން އެންމެ ފަހުން ފިޔަވަޅު އަޅާފައި ވަނީ، އެމެރިކާގެ އެންމެ ޒަމާންވީ އަދި ތަޢުލީމީ ގޮތުން އެންމެ ފުންނާބު އުސް އައިވީ ލީގްގައި ހިމެނޭ ހާވަރޑް ޔުނިވަރސިޓީއާ ދެކޮޅަށެވެ. މީގެ އިތުރުން، ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ފަދަ މުޒާހަރާތަކުގައި ބައިވެރިވާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ވިސާ ބާޠިލުކޮށް، އެ ދަރިވަރުން ޤައުމަށް އެނބުރި ނާދެވޭ ގޮތަށް ފުރުވައިލަމުންނެވެ.
ބެން-ގްވީރަކީ 2008ވަނަ އަހަރު ނިރުބަވެރި ޖަމާޢަތަކަށް ތާޢީދުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ނަސްލީ ތަފާތު ކުރުންތަކަށް ހިތްވަރު ދިނުމުގެ ދަޢުވާ ސާބިތުވެފައިވާ ހައްުދަފަހަނަ އެޅި ޔަހޫދީއެކެވެ. އެއަށް ފަހު، އޭނާ ވަނީ ފަލަސްޠީނުގެ މުސްލިމުން ވަޒަނުން ބޭރުކޮށް، އެ ބިންތައް ފޭރިގަތުމަށް ވަކާލާތުކޮށް، އަޑު އުފުލުމަށް މަދަނީ މަޖުޢިއްޔާއެއް އުފައްދާފައެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގުމަށް ފާޅުގައި ގޮވައިލަމުންދާ ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުގެ މިނިސްޓަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ.