ޚަބަރު

ދިވެހި ރެޑް ކްރެސެންޓްގެ އަހަރީ ޢާއްމު މަޖިލިސް ފަށައިފި


  • ކުރިއަށް އޮތް އަހަރުތަކުގެ ސްޓްރެޓެޖިކް ޕްލޭން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ

  • މި މަޖިލީހުގައި ދިވެހި ރެޑް ކްރެސެންޓްގެ އެކި ގޮފިތަކުގެ މަންދޫބުން ބައިވެރިވޭ

ދިވެހި ރެޑް ކްރެސެންޓްގެ 13ވަނަ އަހަރީ ޢާއްމު މަޖިލިސް ފަށައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ދަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރު އެ މުއައްސަސާގެ އަހަރީ ޢާއްމު މަޖިލިސް ބާއްވަމުންނެވެ. އެގޮތުން މި އަހަރުގެ އަހަރީ ޢާއްމު މަޖިލީސް ބާއްވަނީ ދެދުވަހުގެ މުއްދަތަށް މީރުމާ މާލަމުގައެވެ.

މަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ އިންޓަރިމް ރައީސް ރަޝީދާ އަލީ ވިދާޅުވީ، ދިވެހިރާއްޖޭގެ ރެޑް ކްރެސެންޓަށް 15 އަހަރު ފުރިފައިވާއިރު މިވީ މުއްދަތުގައި އެ މުއައްސަސާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި އެންމެ ގިނަ ދަރުމަވެރިންގެ މައްޗަށް ބިނާވެފައިވާ އިންސާނިއްޔަތަށް ޚިދުމަތްކުރާ ނަމޫނާ ޤައުމީ ޖަމްޢިއްޔާގެ ގޮތުގައި އެމްއާރްސީން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށްވެސް ރަޝީދާ ވިދާޅުވިއެވެ.

"2024ވަނަ އަހަރަކީ ދިވެހި ރެޑް ކްރެސެންޓަށް 15 އަހަރު ފުރިގެން ދިޔަ އަހަރު. 2009ވަނަ އަހަރު މި ޖަމާއަތް އުފެދުނީއްސުރެ އެކި ހައިސިއްޔަތުން މި މުއައްސަސާގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ދިވެހި ރާއްޖޭގައި އެންމެ ގިނަ ދަރުމަވެރިންގެ މައްޗަށް ބިނާވެފައިވާ އިއްސާނިއްޔަތަށް ޚިދުމަތް ކުރާ ނަމޫނާ ޤައުމީ ޖަމްޢިއްޔާގެ ގޮތުގައި އެމްއާރްސީ ތަރައްޤީވެ ގިނަ ކާމިޔާބިތަކެއް ހާސިލްކުރާ މަންޒަރު ފެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް" ދިވެހި ރެޑް ކްރެސެންޓްގެ އިންޓަރިމް ރައީސް ރަޝީދާ އަލީ ވިދާޅުވިއެވެ.

ރަޝީދާ އަލީ ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު ލިބުނު ކާމިޔާބީ ބިނާވެފައިވަނީ އިންސާނިއްޔަތަށްޓަކައި އެމްއާރްސީން ދޭ އަހައްމިއްޔަތާއި އަސާސީ 7 އުސޫލަށް ތަބާވެ، ގުޅިގެން ދަރުމަޔަށް މަސައްކަތްކުރުމުގެ ވިސްނުން އިސްކުރުމުކުރުމުގެ ސަބަބުންކަމަށެވެ. އަދި މި ޖަމްޢިއްޔާގެ ޤާނޫނުން ލާޒިމްކުރާގޮތަށް ދިވެހި ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއެކު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެމްއާރްސީގެ ޚިދުމަތްތައް އަމާޒުކުރެވިފައިވަނީ ކާރިސާތަކަށް ތައްޔާރުވުމާއި، ކުއްލި ހާލަތުގައި އިޖާބަ ދިނުމާއި، ނަފްސާނީ ފުރަތަމަ އެހީތެރިކަން، ޞިއްޙަތާއި ދުޅަހެޔޮކަން، ޒުވާނުން ބާރުވެރިކުރުވުން އަދި މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމާއި ތައްޔާރުވުމަށް ކަމަށް އިންޓަރިމް ރައީސް ރަޝީދާ ވިދާޅުވިއެވެ. އަދި މި ހަރަކާތްތަކުގެ މަޤްޞަދަކީ މުޖުތަމަޢުތައް ބާރުވެރިކޮށް ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލިއްޔަތު އިތުރުކޮށް ލިބިދާނެ ގެއްލުންތައް ކުޑަކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ދިވެހި ރެޑް ކްރެސެންޓްގެ އަހަރީ ޢާއްމު މަޖިލީހުގައި ދިވެހި ރެޑް ކްރެސެންޓްގެ އެކި ގޮފިތަކުން ބައިވެރިވާ މަންދޫބުންނާއި، ޖަމްޢިއްޔާގެ އިސް މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މަޖިލީހުގައި ދިވެހި ރެޑް ކްރެސެންޓްގެ ކުރިއަށް އޮތް އަހަރުތަކުގެ ސްޓްރެޓެޖިކް ޕްލޭން މަޝްވަރާކޮށް، ފާސްކުރުމާއި، އާ ލީޑަރޝިޕް އިންތިޚާބު ކުރުން ފަދަ މުހިންމު ކަންތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކުގެ މުރާޖަޢާއެއް ހެދުމާއި، ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.