ޚަބަރު

ނ.ކެނދިކުޅުދޫ ބަނދަރު މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް


  • މިމަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރު

  • ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި

  • ބަނދަރުގެ މަސައްކަތުގެ 20 އިންސައްތަވަނީ ނިމިފައި

ނ.ކެނދިކުޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް އެމްޓީސީސީންދަނީ މަސައްކަތް ކުރަމުންނެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢުގެ 20 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

ނ.ކެނދިކުޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އާބާދީގައި 1400 އެއްހާ މީހުން ދިރިއުޅޭ ނ.ކެނދިކުޅުދޫގައި އޮތް ކުޑަ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދިޔުމަކީ އެރަށުގެ ރައްޔިތުންކުރާ އުއްމީދެކެވެ. ސަބަބަކީ ދެކުނުގައި ހަދާފައި އޮތް ބަނދަރު ހުޅަނގުގެ ގަދަ ދުވަސްވަރު ބޭނުންކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާތީކަން އެރަށު ކައުންސިލުންވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އަލަށް ތަރައްޤީކުރެވޭ ބަނދަރާއެކު އެރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ހިއްސާކުރައްވާފައިވާ މިމަޝްރޫޢުގެ އަދާހަމައަށް ބަލާއިރު ބަނދަރު އަޕްގްރޭޑްކުރުމުގެ މުޅި މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 44 އިންސައްތަ ނިމިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން، 98000 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 386 މީޓަރުގެ ބޭރުތޮއްޓެއްލުމާއި، 249 މީޓަރުގެ އެއްގަމު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. އަދި 130 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 86 މީޓަރުގެ ޖެޓީއެއްވެސް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 79 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ. މިމަސައްކަތް މެދުނުކެނޑި ކުރިއަށްދާކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

ކެނދިކުޅުދޫއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. މިގޮތުން ހިތްގައިމު ކުޅިއެއް އެރަށުގައި އޮންނައިރު، އެރަށަކީ ކުއްޅަވަށް ބޭނުންކޮށްގެން އެކި ބާވަތުގެ ޑްރިންކާއި އައިސްކްރީމް ހެދުމަށްވެސް ރާއްޖޭގައި މަޝްހޫރު ރަށެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރެވޭ ބަނދަރާއެކު އެރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ލިބި ރަށުގައި ކުރިއަރަމުންދާ ލޯކަލް ޓޫރިޒަމަށް އިތުރު ފަހިކަމެއް ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.