މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) ގެ ރައީސަކަށް އެއެސޯސިއޭޝަނުގެ ޚަޒާންދާރަކަށް ކުރިން ހުންނެވި އަލީ ނޫހު އިންތިޚާބުކޮށްފިއެވެ. ނޫހު ރައީސްކަމަށް އިންތިޚާބުކޮށްފަވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވި އެއެސޯސިއޭޝަނުގެ ބައި އިލެކްޝަނުގައެވެ.
ހުޅުމާލޭ ޗެސް އާރކޭޑްގައި ކުރިއަށްދިޔަ އިންތިޚާބުގައި މެމްބަރު ނުވަ ކުލަބުގެ ތެރެއިން ހަ ކުލަބަކުން ވޯޓު ދީފާވާއިރު، އެއެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފަނުވާތީ، ރައީސްގެ މަގާމު ހޮވާފަވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މި އިންތިޚާބުގައި އެކްސްކޯއަށްވެސް މެމްބަރަކު އިންތިޚާބުކުރެވުނެވެ. އެމަގާމަށް އަލަށް އިންތިޚާބުކުރެވުނީ މުހައްމަދު ފަޒީލް ހުސައިންއެވެ.
އެމްސީއޭގެ ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނޫހު ވިދާޅުވީ ރާޒުވާ ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާނެކަމަށާ، އުންމީދަކީ މިކުޅިވަރަށް އައު ކުދިންތަކެއް ނެރެ، ޤައުމަށް ރީތި ނަން ހޯދައިދިނުންކަމަށެވެ.
"މިކުޅިވަރު ތަރައްޤީކޮށް، އައު ކުދިން އުފައްދާ ގިނަ މެޑަލްތަކެއް ގެނެވޭތޯ މަސައްކަތްކުރާނީ" ނޫހު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ރާޒުވާ ކުރިއެރުވުމުށް ހުރިހާ ދާއިރާއަކުންވެސް މަސައްކަތްކުރައްވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އާރބިޓާއިންނާ (ރާޒުވާގެ ރެފްރީން)، ޓްރެއިނަރުންގެ އިތުރުން ކޯޗުންނާވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވާ އެބޭފުޅުންގެ ޚިޔާލާ މަޝްވަރާވެސް ހޯއްދަވާނެކަމަށް ނޫހު ވިދާޅުވިއެވެ. އަދި މިކުޅިވަރުގައި ހަރަކާތްތެރިވާ ކުދިންގެ ބެލެނިވެރިންނަކީވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ބައެއްކަން ފާހަގަކުރައްވަމުން ނޫހުވަނީ އެފަރާތްތަކާއެކުވެސް ބައްދަލުވުންތައް ބާއްވާ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ބެލެނިވެރިންގެ ހިއްސާވެސް އިތުރުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
"ކުރިންވެސް އަޅުގަނޑުވާނީ ޗެސް ފެޑެރޭޝަނުގެ ރައީސްގެ ހައިސިއްޔަތުން 11 އަހަރުވަންދެން ޚިދުމަތްކޮށްފަ. އެހެންވީމަ އެތަޖުރިބާ އަލީގައި ރާޒުވާ ކުރިއަރުވަން ގިނަ މަސައްކަތެއް ކުރުމަށް އަޅުގަނޑުގެ ވިސްނުންބައްޓަން ކޮށްފަ މިހިރީ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނޫހު ވިދާޅުވިއެވެ.
އެމްސީއޭގެ ރައީސްކަމުގައި ކުރިން ހުންނެވި ހުސައިން ޝިޔާން މިއަހަރުގެ ފެބްރުއަރީ މަހުގެ 26ގައި ކުއްލިގޮތަކަށް އިސްތިއުފާދެއްވުމާ ގުޅިގެން އެސޯސިއޭޝަން ހިންގަވަމުން ގެންދެވީ އެމްސީއޭ ނައިބު ރައީސްއަކަށް ހުންނެވި މަރްޔަމް ދޫމާ މޫސާއެވެ. އެމްސީއޭގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ޝިޔާން އިސްތިއުފާ ދެއްވާފައިވަނީ އެ ޖަލްސާގައި ބައިވެރިވި ހަ ކުލަބުން އޭނާ އެމަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
އެމްސީއޭގެ އަހަރީ ކަލަންޑަރުގައި ގިނަ ހަރަކާތްތަކެއް މިއަހަރަށް ރާވާފަވާއިރު، ދެން އެންމެ އަވަހަށް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަނީ ރާޒުވާގެ ކުލަބު މުބާރާތެވެ. މި މުބާރާތްވަނީ މިދިޔަ އަހަރު ދިމާވި ދަތިތަކާހުރެ ބޭއްވޭ ގޮތް ނުވެފައެވެ. މި މުބާރާތް މިއަހަރުގެ ޖޫންމަހު ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އެމަހުގެ ތެރޭގައި އިންޓަރ ސްކޫލް ރާޒުވާ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނޫހުވަނީ މައުލޫމާދެއްވާފައެވެ.