ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާގެ ޕެޓްރޯނާސް ޓްވިން ޓަވަރަށް ޒިޔާރަތްކުރައްވައިފިއެވެ.
މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޓްވިން ޓަވަރަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ، ޕެޓްރޮނާސްގެ ނައިބު ރައީސެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެޓަވރުގެ މުހިންމު ތަންތަން ބައްލަވާލައްވާފައެވެ. ޕެޓްރޮނާސްގެ ފަރާތުން ވަނީ އެތަނުގެ އިންޖިނިއަރިންއާއި، ފަންނުވެރިކަމާބެހޭ ގިނަ މަޢުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.
ޕެޓްރޯނަސް ޓުވިން ޓަވަރަކީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.
މެލޭޝިއާގެ ރަމްޒެއްކަމަށް ބަލައިއުޅޭ މި އިމާރާތުގެ އުސްމިނަކީ 452 މީޓަރެވެ. މި ޓަވަރު ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ޕްލޭނިންގެ މަސައްކަތް 1992 ވަނަ އަހަރުގެ ޖެނުއަރީ މަހުފަށައި، 1993 ވަނަ އަހަރުގެ މާރިޗު މަހު ވަނީ އަމަލީ މަސައްކަތް ފަށާފައެވެ.
ޢިމާރާތް އެއްކޮށް ބިނާކޮށް ނިންމައި ހުޅުވާފައިވަނީ 1999 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ.
2004 ވަނަ އަހަރާ ހަމަޔަށް މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތެވެ. އެއް ފަރުމާޔަކަށް ހުންނަ ދެ އިމާރާތް ގުޅުވައިދެނީ ސްކައި ބްރިޖަކުންނެވެ. މި ސްކައި ބްރިޖަކީވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަނެކެވެ.
މި އިމާރާތުން އިސްލާމީ ފަރުމާކުރުމުގެ ވައްޓަފާޅިއާ މެލޭޝިއާގެ ސަގާފަތްވެސް ރަމްޒުކޮށްދެއެވެ. މިއީ މެލޭޝިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް މަންޒިލެވެ.