ޚަބަރު

އިންޑިޔާއިން ކަޝްމީރުގެ ގިނަ ފަތުރުވެރިކަމުގެ މަންޒިލްތައް އާންމުންނަށް ބަންދުކޮށްފި


އިންޑިޔާގެ ކަޝްމީރުގައި ހަތިޔާރު އެޅި ބަޔަކު ބަޑިން ޙަމަލާދީ ގިނަ އަދަދެއްގެ ފަތުރުވެރިން މަރައިލި ހާދިސާއަށްފަހު، ސަލާމަތީކަންކަން ވަރުގަދަ ކުރުމުގެ ގޮތުން، ކަޝްމީރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފަތުރުވެރިކަމުގެ މަންޒިލްތައް ޢާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފިއެވެ.

އިންޑިޔާގެ ސަރުކާރުން ވަނީ ޖަންމު އަދި ކަޝްމީރުގެ 87 ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރެއިން 48 ތަނެއް ޢާންމުންނަށް ބަންދުކޮށްފައެވެ. ނަމަވެސް އެ މަންޒިލްތައް ބަންދުކުރި މުއްދަތެއް ނޭނގެއެވެ.

މި މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، މި ޙަމަލާގައި ޕާކިސްތާނުގެ ބައިވެރިވުމެއްވާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުގެ ސަރުކާރުން ވަނީ ދޮގުކޮށް، މިކަމުގެ މިނިވަން ތަހުޤީގެއް ތިންވަނަ ފަރާތެއް މެދުވެރިކޮށް ކުރުމަށް ގޮވާލައިފައެވެ.

މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރަށް ހޫނުވެފައިވާއިރު، ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދެ ޤައުމުގެ ސިފައިން ވަނީ ވިދިވިދިގެން ފަސް ވަނަ ރޭ ޙަމަލާތައް ބަދަލުކޮށްފައެވެ.

މި ޙަމަލާއާ ގުޅިގެން ދެ ޤައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ޕާކިސްތާނާ އެކު ފެން ޙިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް ޢަމަލުކުރުން މެދުކަނޑާލައިފައެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔަން އެއާލައިންސްގެ ފްލައިޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ.

މީގެއިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.