ރާއްޖޭގެ މަންޒަރުތައް ދުބާއީގެ ޓެކްސީތަކުގެ ބޭރުން ފެންނާނެ ބޮޑު ކެމްޕެއިނެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މާކެޓިންގް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން ފަށައިފިއެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދުބާއީ މިއުޒިއަމް އޮފް ދަ ފިއުޗަރ ސަރަހައްދުގައެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމްއެވެ. މި ކެމްޕެއިންގެ ތެރެއިން ދުބާއީގެ މަގުމަތީގައި ދުއްވާ 200 ޓެކްސީއެއްގައި ރާއްޖޭގެ އިސްތިހާރު ކުރާނެއެވެ. މި ޓެކްސީތަކުގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދެއެވެ. މީގެ އިތުރުން ލިވަޕޫލްއާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން، ޓެކްސީ ތަކުގައި ލިވަޕޫލް ކޯބްރޭނޑިންވެސް ފެނިގެންދާނެއެވެ.
މި ކެމްޕެއިން ކުރިއަށްގެންދާނީ އެއް މަސް ދުވަހުގެ މުއްދަތައް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އެމްއެމްޕީއާރްސީން މި ކެމްޕެއިން ކުރިއަށް ގެންދަނީ، މިހާރު ކުރިއަށްދާ އަރޭބިއަން ޓްރެވެލް މާކެޓާއި ގުޅުވައެވެ. އެގޮތުން މެދުއިރުމަތި އަދި އެކުވެރި އަރަބި އިމާރާތުގައި މި ކެމްޕެއިންގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ޤަބޫލުކުރައްވައެވެ.
މި ކެމްޕެއިން އަރައިބިއަން ޓްރެވެލް މާކެޓް ތެރެއިން އިފްތިތާހްކޮށްފައިވާއިރު، މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ދުނިޔޭގެ 160 އަށް ޤައުމަކުން މަންދޫބުން ދަނީ ބައިވެރިވަމުންނެވެ. އަދި މި ފެއަރއަށް އެކަނިވެސް 90،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާއިރު، އެކި ޤައުމުތަކުގެ މަންދޫބުން ހިމެނޭހެން 46،000 ވުރެ ގިނަ މީހުން ފެއަރގައި ބައިވެރިވެއެވެ. އެހެން ކަމުން މިއީ ރާއްޖެ ޕްރޮމޯޓް ކުރަން ލިބޭ މުހިންމު ފުރުސަތެއްކަން އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.
ދުބާއީގައި ޓެކްސީ ކެމްޕެއިން އެމްއެމްޕީއާރްސީން ފަށާފައިވާއިރު، މީގެ ކުރިން ޖަރުމަންވިލާތާއި އިނގިރޭސި ވިލާތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓެކްސީ ކެމްޕެއިންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެމްޕީއާރްސީން ވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ކެމްޕެއިންތައްވެސް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.