ފަަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންދާ ޢާންމު ބަދިގެތަކުން ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ހުސްވެ، އެ ތަންތަން ބަންދު ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައި އެހީދޭ ޖަމުޢިއްޔާތަކުން ހާމަކޮށްފިއެވެ. އެ ޖަމާޢަތްތަކުން ބުނީ، ޣައްޒާގެ ސަރަޙައްދީ ހުރަސްތައް ހުޅުވައިލައި، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ނުދީފި ނަމަ، ޢާންމު ބަދިގެތައް ބަންދު ކުރަން ޖެހޭނެ ކަމުގައެވެ. އަދި، އެ ކަމުގެ ސަބަބުން، އެ ތަންތަނުން ފޯރުކޮށްދެމުންދާ ކާބޯތަކެއްޗަށް ބަރޯސާވެފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހޭނެ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޣައްޒާގެ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ރައްޔިތުން ބުނީ، އެ ތަނުގައި ހުރި ޢާންމު ބަދިގެތަކުން ކާބޯތަކެތި ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އެ ކޭމްޕުގައި ދިރިއުޅޭ މާމައެއް ކަމުގައި އުންމު މުޙައްމަދު އަލް-ޠަލާލްޤާ ބުނީ، އޭނާގެ މާމަ ދަރިންނަށް ކާބޯތަކެތި ހޯދައިދިނުމަށް ފަސް ގަޑިއިރު ކިޔޫގައި މަޑު ކުރަން ޖެހޭ ކަމުގައެވެ. އަދި، ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ހޯދުމަކީ ނުރައްކާތެރި ހަނގުރާމައަކަށް ބަދަލުވެފައިވާ ކަމުގައެވެ.
އެހީދޭ ޖަމުޢިއްުޔާތަކުން ބުނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޣައްޒާގެ ނިކަމެތީންނަށް ކާބޯތަކެތި ފޯރުކޮށްދޭ ގިނަ އަދަދެއްގެ ޢާންމު ބަދިގެތައް ބަންދު ކުރަން މަޖުބޫރުވާނެ ކަމުގައެވެ. "އަޅުގަނޑުމެން އެންމެން މި ތިބީ ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި ހައިހޫނުގައި ޖެހިފައި. ހެނދުނުން ފެށިގެން އަޅުގަނޑު މިހުރީ ހުސް ބަނޑާ،" އަލް-ޠަލާލްޤާ ބުންޏެވެ.
ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޖަރީމާތަކާ ގުޅިގެން ބަންދު ކުރަން ޖެހިފައިވާ އެއް ޢާންމު ބަދިގެއަކީ އަލް-ސަލާމް އޮރިއެންޓަލް ފުޑްއިން ހިންގާ ބަދިގެއެކެވެ. ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގައި ހިންގާ އެ ބަދިގެން ދުވާލެއްގެ މައްޗަށް 20,000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެއެވެ. "ކުރިއަށް އޮތީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މަސައްކަތްތަކަށް ހުރަސް އެޅޭނެ،" އެ ބަދިގެ ހިންގާ ސަލާޙް އަބޫ ޙަސީރާ ބުންޏެވެ.
މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. މިއީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. އަދި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ކުށެކެވެ. ނިރުބަވެރި ނަތަންޔާހޫގެ ބޭނުމަކީ ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖެއްސުމެވެ.