އިންޑިޔާއިން ބޭނުންވަނީ، ކަޝްމީރުގައި ބަޑިން ޙަމަލާދީ ޓޫރިސްޓުންތަކެއް މަރައިލުމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށް، އެ ޤައުމުގެ ޚާރިޖީ ވަޒީރު، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ އަރިހު ވިދާޅުވެއްޖެއެވެ.
މި މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.
މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރަށް ހޫނުވެފައިވާއިރު، ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދެ ޤައުމުގެ ސިފައިން ދަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.
ސަރަޙައްދީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވުމުގެ ކުރިން، މަސްރަޙު ފިނި ކުރަން އެމެރިކާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މިގޮތުން، ރޫބިޔޯ ވަނީ އިންޑިޔާ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުންނަށް ވަކިވަކިން ފޯނު ކުރައްވައި، މަސްރަޙު އިތުރަށް ހޫނުވިޔަ ނުދޭން އިލްތިމާސް ކުރައްވާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ އިދާރާއިން ބުންޏެވެ.
އަދި ހަރުކަށި ފިކުރާ ދެކޮޅަށް އެމެރިކާއިން އިންޑިޔާ އާއެކު އޮތް ކަން ހާމަކުރައްވައި، ކަޝްމީރުގައި ދިން މި ޙަމަލާގެ ތަހުޤީގަށް ޕާކިސްތާނުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ރޫބިޔޯ އެދިވަޑައިގެންނެވި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ޙަމަލާއާ ގުޅިގެން ދެ ޤައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ޕާކިސްތާނާ އެކު ފެން ޙިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް ޢަމަލުކުރުން މެދުކަނޑާލައިފައެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔަން އެއާލައިންސްގެ ފްލައިޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ.
މީގެއިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
އަދި އިންޑިޔާއިން ޕާކިސްތާނަށް ޙަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ތުހުމަތު ވެސް ޕާކިސްތާނުގެ ބައެއް ވަޒީރުން ވަނީ ކުރައްވައިފައެވެ.