ޚަބަރު

ނޫސްވެރިކަމުގެ ޙަޤީޤީ ބާރު ދުނިޔެއަށް ދައްކުވައިދިނީ ފަލަސްޠީނުގެ ނޫސްވެރިން


  • ޔަހޫދީން ކޮންޓްރޯލްކުރަމުންދިޔަ ދުނިޔޭގެ މީޑީއާގެ "ނެރެޓިވް" ފަލަސްޠީނު މައްސަލައިގައި ބަދަލުކޮށްލީ ފަލަސްޠީނުގެ ނޫސްވެރިން

  • 2023 އޮކްޓޯބަރު 7 އިން ފެށިގެން 2025 އޭޕްރީލް 30 އަށް 176 ނޫސްވެރިން ޝަހީދުކޮށް 85 ނޫސްވެރިން ހައްޔަރުކޮށްފައިވޭ

ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފައަކީ ތެދު ޙަގީގަތް ގެނެސްދިނުންކަމަށްވާއިރު މި މަސައްކަތް ކުރުމަށް އެންމެ އުނދަގޫ އެއް މާޙައުލަކީ ހަނގުރާމައިގެ މައިދާނެވެ. އެހެންނަމަވެސް ނޫސްވެރިކަމުގެ ތާރީޚަށް ބަލާއިރު ނޫސްވެރިންވަނީ ވަރަށް ސާބިތުކަމާއެކު ހަނގުރާމައިގެ މައިދާނުންވެސް ޚަބަރާއި މަޢުލޫމާތު ދުނިޔޭގެ ލޯތަކަށް އެއްވެސް ފަސްޖެހުމެއްނެތި ގެނެސްދީފައެވެ. އަދި މިއަދުވެސް މިހަގީގަތް ގެނެސްދިނުމުގައި ނޫސްވެރިން އަމިއްލަ ފުރާނައަށް ބެލުމެއްނެތި މަސައްކަތްކުރަމުންދާތަން ފެންނަމުން އެބަދެއެވެ.

ހަނގުރާމައިގެ މައިދާން ކަވަރު ކުރަމުންދާ ނޫސްވެރިންނަށް، ބައިނަލްއަޤުވާމީ އެކިއެކި ޤާނޫނުތަކުން ރައްކާތެރިކަން ލިބިދީފައިވެއެވެ. އެއީ ހަނގުރާމައިގެ ބައިވެރިން ނޫންކަމާއި އެއީ ނޫސްވެރިންކަން އަންގައިދޭ، ޖެކެޓު ނުވަތަ ފާހަކީ، އެއީ ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި ބާރުގަދަ ހަތިޔާރެކެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކުން އެފާހުގައި ނުވަތަ ޖެކެޓުގައި ހުރި މީހަކަށް އަމާންކަން ލިބިގެންވާކަމަށް އޮންނަނީ ބަޔާންކޮށްފައެވެ.

އެނުރައްކާތެރި ޙާލަތުގައި ހަނގުރާމައިގެ މައިދާނުން ނޫސްވެރިން ގެނެސްދެނީ ވަރަށް ނާޒުކު އަދި ނާދިރު މަޢުލޫމާތުތަކެކެވެ. ބައިނަލްއަޤުވާމީ އަދާލަތު ޤާއިމުކޮށް، އިންސާނީ ޙައްގުތައް ރައްކާތެރިކުރުމަށް މަޖުބޫރުކުރުވާ ބަޔަކީ ނޫސްވެރިންނެވެ. އެގޮތުން ހަނގުރާމައިގެ މައިދާނުގައި ކަންކަން ހިނގަނީ ޤާނޫނުތަކާއި ހަމަތަކާއި އުސޫލުތަކުގެ މަތިންކަން ނުވަތަ ނޫންކަން ނޫސްވެރިން ރިޕޯޓުކުރެއެވެ.

ހަނގުރާމައިގެ ޙާލަތުގައިވެސް ރައްކާތެރިކަން ކަށަވަރުވާންޖެހޭ މީހުންގެ ތެރޭގައި ހިމެނޭ، ބައިނަލްއަޤުވާމީ އިންސާނީ އެހީދޭ ޖަމާޢާތްތަކުގެ މީހުންނާއި، އާންމުންނާއި، އަންހެނުންނާއި ކުޑަކުދިންނާއި، ބަލި މީހުންނާއި އަދި ހަނގުރާމައާއި ނުބެހޭ މީހުންނާއި ސިއްޙީ އެހީތެރިންނާއި މިނޫންވެސް އެތައް ބަޔަކަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުގައިވަނީ ބަޔާންކޮށްފައެވެ. އަދި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ އަސާސީ ޚިދުމަތްތަކާއި ބެހޭ ތަންތަނަށް ލިބޭ ހަމަލާތައްވެސް ނޫސްވެރިން ރިޕޯޓުކުރެއެވެ.

ދުނިޔޭގައި މިވަގުތު ހިންގަމުންދާ އެންމެ ނުރައްކާތެރި އެންމެ ބޮޑު ޤަތުލްޢާންމު ހިނގަމުންދަނީ ފަލަސްޠީނުގެ ޣައްޒާގައެވެ. ޔަހޫދީ ދައުލަތުން، ޖަލެއް ފަދައިން ބަންދުކޮށްފައިވާ 360 އަކަ ކިލޯމީޓަރުގެ ޣައްޒާއަށް ބޭރުން އެތެރެއަށް ވަނުން މަނާކޮށްފައިވާއިރު އެތަނުގައި، ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ޙަގީގަތް ދެއްކުމަށް ނޫސްވެރިންކުރަމުން ދަނީ، އަމިއްލަ ފުރާނައާއި ޢައިލާވެސް ޤުރުބާންކޮށްގެންވަމުންދާ މަތިވެރި ޖިހާދެކެވެ.

ދުނިޔޭގެ ހުރިހާ މީޑިއާއެއްގައިވެސް ޣައްޒާގެ ވާހަކަތައް ކެނޑިނޭޅި ދެކެވެމުންދާ މައިގަނޑު ސަބަބަކީ އެތަނުގައި ބަންދުވެފައިވާ ޙާލުވެސް މަސައްކަތް ކުރަމުންދާ ހިތްވަރު ގަދަ ނޫސްވެރިންގެ މިންނެތް މަސައްކަތެވެ. އެކި ޤައުމުތަކަށް އަދި އެކި ނަސްލުތަކަށް ނިސްބަތްވާ އެތައް ނޫސްވެރިންނެއް އެ މައިދާނުން ޚަބަރު ގެނެސްދިނުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެހެންނަމަވެސް ފެންނަމުންދާ ހަގީގަތަކީ، ޣައްޒާގައި ހިންގަމުންދާ އުދުވާނަކީ މިހާތަނަށްވެސް ދުނިޔޭގެ ނޫސްވެރިކަމުގެ ލެންސުން ފެނިފައިނުވާފަދަ ބިރުވެރި، އިންސާނިއްޔަތާއި ޚިލާފު ޖަރީމާތަކެއްކަމެވެ. އެއީ ޤަތުލުއާންމެއްކަން ހުޅަނގުގެ ޤައުމުތަކުން ޤަބޫލުކުރަން މިއަދު މަޖުބޫރުވީ އެތައް ނޫސްވެރިންނެއް އަމިއްލަ ފުރާނައިން ވީ ޤުރުބާނީގެ ސަބަބުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އެއްވެސް ހުއްޓުމެއްނެތި ދެމުންދިޔަ ހަމަލާތަކުގައި މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 176 ނޫސްވެރިން ޝަހީދުކޮށް، 85 ނޫސްވެރިއަކު އިސްރާއީލުން ހައްޔަރުކޮށްފައިކަމަށް، ނޫސްވެރިންގެ ޙައްގުގައި މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދުނިޔޭގައި ނޫސްވެރިކަން ފެށިގެންއައިކަމަށް ތާރީޚުގައި ލިޔެވިފައިވާ މުއްދަތުން ފެށިގެން މިހާތަނަށް އައިއިރުވެސް އެއް ހަނގުރާމައިގައި މިހާ ގިނަ ނޫސްވެރިންނަށް ސީދާ ޓާގެޓުކުރެވިގެން މަރަމުންދާ ހަނގުރާމަކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

ފަލަސްޠީނުގެ މައްސަލަ ހޫނުވެގެން ހަނގުރާމައިގެ ޖަރީމާ ޣައްޒާގެ ޙަމާސް ޖަމާއަތުން ހިންގާކަމުގެ ތުހުމަތު ހުޅަނގުން ފަތުރަމުންދާއިރު، މިހާރު ހިންގަމުންދާ ޖަރީމާތައް ފެށުމުގެ އަހަރެއްކުރިން 2022 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު، ފަލަސްޠީނަށް ނިސްބަތްވާ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލަޙް ރަޙުމުކުޑަގޮތަކަށް ވަނީ ޝަހީދުކޮށްލާފައެވެ.

ޝީރީން ޝަހީދުކޮށްލާފައިވަނީ އެދުވަސްވަރު ޖެނީންގައި އިސްރާއީލުން ހިންގަމުންދިޔަ ލާއިންސާނީ ޢަމަލުތައް ރިޕޯޓުކުރަމުންދަނިކޮށް އޭނާގެ ޕްރެސް ވެސްޓުގައި ހުއްޓައެވެ. އެކަން ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ބޮލުގައި އަޅުވަން އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު ޝީރީންގެ ޖަނާޒާއަކީވެސް މިހާތަނަށް ބޭއްވުނު އެންމެ ރަޙުމުކުޑަ ޖަނާޒާއެވެ. އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންވަނީ އޭނާގެ ޖަނާޒާއަށް ހުރަސްއަޅާއި އިންސާނިއްޔަތުކަމުގެ ހުރިހާ އިމެއް ފަހަނައަޅާގޮސްފައެވެ.

ފަލަސްޠީނުގެ ނޫސްވެރިން ދައްކަމުންދަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނޫސްވެރިން ދައްކަން ނުޖެހޭ ފަދަ ހިތްވަރެކެވެ. އަމިއްލަ ޤައުމާއި އިންސާނިއްޔަތަށްޓަކައި އެނޫސްވެރިންވެސް ކުރަމުންދަނީ ޖިހާދެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ގެ ކުރިން ދުނިޔޭގެ މީޑިއާތައް ކޮންޓްރޯލްކުރަމުންދިޔައީ ޔަހޫދީންނެވެ. އެހެންނަމަވެސް އެދުވަހުން ފެށިގެން ފަލަސްޠީނުގެ ނޫސްވެރިންވަނީ އަމިއްލަ ހަތިޔާރު އުފުލާ މިޤަތުލުޢާންމު މުޅި ދުނިޔެއަށް ދައްކާލާ، މުޅި މީޑީއާގެ "ނެރޭޓިވް" މިކަމުގައި ބަދަލުކޮށްލާފައެވެ. އަދި ޔަހޫދީން ކޮންޓްރޯލުކުރަމުންދިޔަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދައްކަމުންދާ ދޮގުވާހަކަތަކާއި، އިންސާނިއްޔަތުކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދަޢުވާކުރާ ބޮޑެތި މީޑީއާތަކުގެ ހަގީގަތް 8 ބިލިއަން މީހުންނަށް ގެނެސްދީފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނަށްޓަކައި އަޑު އުފުލަން ނުކުތުމަށް މަޖުބޫރުކުރުވާފައެވެ.

ނޫސްވެރިކަން ޙަގީގީ މާނައިގައި ގެނެސްދިނީ ފަލަސްޠީނުގެ ނޫސްވެރިކަން މިއަދު ދުނިޔެ ހެކިވެއެވެ. އަމިއްލަ ފުރާނަ ޤުރުބާންކުރަންޖެހޭ ދަތުރެއްކަން އެނގިތިބެ ކުރިމަތިލީ އެނޫސްވެރިންނެވެ. ރައްކާތެރިކަން ނެތްކަން ދަނެގެން ކުރިމަތިލީ އެނޫސްވެރިންނެވެ. އިސްރާއީލުގެ އަނިޔާވެރި ހަމަލާގައި އަމިއްލަ ފައި ބުރިކުރަންޖެހި، އަމިއްލަ ފައިމަތީ ކޮޅަށް ނުހުރެވޭ ޙާލުވެސް ނޫސްވެރިއެއްގެ ޒިންމާގައި ސާބިތުވީ ފަލަސްޠީނުގެ ނޫސްވެރިޔާއެވެ. ނޫސްވެރިކަމަކީ ބާރެއްކަން ޤަބޫލުކޮށް ޝަހީދުވި އެތައް ނޫސްވެރިންނެއްގެ ޙައްގުގައި ޕްރެސް ވެސްޓުގައި ކެމެރާއަތަށް ނެގި ކުޑަކުދިން ތިބީ ފަލަސްޠީނުގައެވެ.

ނޫސްވެރިންނަށް ސީދާ ޓާގެޓްކޮށް ޙަމަލާ ދެވެމުންދަނީ ފަލަސްޠީނުގެ ބިމުގައެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި، ފަލަސްޠީނުގެ އަޑު ކަނޑުވާލަން މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފަލަސްޠީނުން ބުނެދިނީ ނޫސްވެރިކަމުގެ ޙަޤީޤީ މާނައާއި ޙަޤީޤީ މިނިވަންކަމުގެ ވާހަކަތަށް ގެނެސްދެމުންދަނީ އެނޫސްވެރިންކަމެވެ.

އަހަރެމެން ތިބީ ފަލަސްޠީނާއި އެތައް ހާސް މޭލެއް ދުރުގައިނަމަވެސް، އަދި އަހަރެމެންގެ ނޫސްވެރި ޢާއިލާއަށްކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަމުގައި ޤަބޫލުކުރެވުނުނަމަވެސް، އަހަރެމެންނަށްވެސް ކުރެވޭނެ ކަމެއް އެބައޮތެވެ. އެމީހުންގެ ވާހަކަ ދެއްކުމެވެ. އެޚަބަރު ފެތުރުމެވެ. އެމީހުންގެ އަޑު ފަނޑުވިޔަ ނުދީ ހިފެހެއްޓުމެވެ. އެއީ މިއަދު އަހަރެމެންނަށް ކުރެވޭނެ މުހިއްމު ކަމެކެވެ.