ޚަބަރު

ގުޅީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސެޕްޓެންބަރުމަހު ނިމޭނެ: އެމްޓީސީސީ


  • 10 ހެކްޓަރުގެ ބިމުގެ %80 ވަނީ ހިއްކާފައި

  • މި މަޝްރޫޢާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ

ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެއްކޮށް ނިމޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ ވިދާޅުވެއްޖެވެ.

ސައުދީ މިހެން ވިދާޅުވީ ގުޅީގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާ ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ. އެގޮތުން މަސައްކަތް އަވަސްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ ބިންހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ފުރިހަމަކުރެވިފައިވާކަމަށެވެ. އެގޮތުން ގުޅީ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ 10 ހެކްޓަރުގެ ބިމުގެ %80، 28 ދުވަސް ތެރޭގައި މިހާރު ހިއްކާ ނިމިފައިވާކަމަށް ސައުދީ ވިދާޅުވިއެވެ. އަދި ބާކީބައި ކުރިއަށް އޮތް ހަފްތާއެއްގެތެރޭ ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޝޯވ ޕްރޮޓެކްޝަން ގައިވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވޭ. އެހެންވީމަ މިހާރު މިރަށުގައި މި މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ޝިޕްމަންޓު 10 ހާސް ޓަނުގެ ރޮކްބޯޑް މިހާރު ވަނީ ގެނެވިފައި. ހަމަ އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެދަނީ. އަންލޯޑް ކޮށް ނިމުނީމައި ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެންދާނެ" ސައުދީ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ ވިދާޅުވީ ހަވާލުވެފައިވާ މަސައްކަތްތަކުގެ ދުވެލި ހަލުވިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ގުޅީގެ ބިންހިއްކުމުގެ މަސައްކަތްވެސް ނިންމަން ޖެހޭ ތާރީހައަށްވުރެއް 15 ދުވަސް ކުރީގައި އުޅޭކަމަށް ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ މި މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރ މަހަަށްކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ ދުވެލި ހުރި ގޮތުން ބިންހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެކަމަށް ސަޢުދީ ވިދާޅުވިއެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވާނެއެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު މި ރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން މި ރަށުން ބިން ދޫކުރީ 2003 ވަނަ އަހަރުއެވެ. އެއީ އެންމެ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ގުޅީގެ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި ގުޅީގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން އެ ރަށުގައި އެބަ ތިއްބެވެ.