ޚަބަރު

ފަތުރުވެރިކަން ފުޅާކުރުމަށް 5 އަތޮޅަކަށް ޚާއްސަ ލުއިތަކެއްދެނީ


  • ލުއިތައް ދެނީ ހއ. ހދ. ށ. ތ. އަދި ލ އަތޮޅަށް

  • ގަވާއިދަށް ބަދަލުގެނެސް، މިމަހު ހުޅުވާލާނެ

ޤަވާއިދަށް ބަދަލުގެނެސް، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ގޮތަށް، ލުއިތަކާއި އެކު ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަން ކުޑަކޮށް ތަރައްޤީވެފައިވާ 5 އަތޮޅުކަމުގައިވާ، ހއ. ހދ. ށ. ތ. އަދި ލ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެފަދަ ލުއިތައް ދިނުމަށްޓަކައި ލޭންޑް އިކުއިޒިޝަން ކޯސްޓާއި އިމްޕޯޓް ޑިއުޓީއިން ޚާއްސަ ލުއިތަކެއް ދިނުމަށް ކަމާބެހޭ ޤަވާއިދަށް ބަދަލުގެނެސް މިމަހު ހުޅުވާލާނެ ކަމަށެވެ.

"5 އަތޮޅަށް އެކަނި ސަސްސެޓް ކްލޯސްއެއް ލާފައި ހުޅުވާލުމަށް، އެކިއުޒިޝަން ކޯސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ، މިއާ އެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތަށް ލިބިގެންދާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ވަކި މުއްދަތަކަށް ކަމަށެވެ. އަދި މުއްދަތު ހަމަވުމުން އާއްމު އަގުތަކަށް އެ އަތޮޅުތަކުންވެސް ޓެކްސް ފައިސާ ނަގާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަށް ފަތުރުވެރިކަން ފުޅާކުރުމަށް ބިޔަ މަޝްރޫޢުއެއް ހިންގުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.އަދި މިހާރު މި މަޝްރޫޢަށް ފައިސާ ހޯދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ އައްސޭރި ޓޫރިޒަމަށް ވަނީ މާރިޗުމަހުގެ 21ވަނަ ދުވަހު އިޢުލާންކޮށްފައި، ކްރޮސް ސަބްސިޑީގެ އުސޫލުން މި މަޝްރޫޢު ހިންގުމަށް،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ މިހާރު މަސައްކަތް ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށްވެސް އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިކުރެވޭ މަސައްކަތްތަކާއި އެކު މިއަހަރުތެރޭގައި ފަތުރުވެރިކަމަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.