އެމްޓީސީސީއަކީ ސަރުކާރުން އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އެންމެ މުހިންމު އެއް ހިއްސާދާރެއެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ދަނީ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ.
އެމްޓީސީސީން މިވަގުތުވެސް 340 އަށްވުރެ ގިނަ މަޝްރޫޢު އަންނަނީ ހިންގަމުންނެވެ. އެމްޓީސީސީގެ މިސްރާބު މިހާރު ހުރީ ކުރިއަށްދާ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމުމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ ވިދާޅުވީ، މިހާރު ހަވާލުވެފައިވާ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން އަވަހަށް ނިންމުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށެވެ.
އެގޮތުން މަޝްރޫޢުތަކުގެ މަސައްކަތްތައް އަވަސްކޮށް ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސައުދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގުޅީ ބިންހިއްކުމުގެ މަސައްކަތް 2026 އަށް ނިންމަން އިންކަމުގައިވީނަމަވެސް މި އަހަރުގެ ސެޕްޓެމްބަރ މަހަށް މަސައްކަތް ނިންމާ ހަވާލު ކުރާނެކަމަށެވެ.
މިއީ އެމްޓީސީސީގެ ދުވެލި ހަލުވި ކުރުމުގެ ގޮތުން ފެށި ފުރަތަމަ މަސައްކަތަށް ވީއިރު ކުރިއަށް އޮތް ތަނުގައި މަސައްކަތުގެ ސްޕީޑު މިގޮތުގައި ކުރިއަށް ގެންގޮސް 2028 ވަނަ އަހަރުގެ ފަހު ކުއާރޓަރަށް 99 އިންސައްތަ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުނަށް ވެފައިވާ ވައުދުފުޅާ އެއްގޮތައް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އެމްޓީސީސީއާއި ހަވާލު ކުރެވިފައި ހުރި މަސައްކަތް މި ޑޭޓުގައި މި ޓައިމްލައިން ތެެރޭގައި ނިންމުމަށްޓަކައި ކުންފުނީގެ ހުރިހާ މުވައްޒަފުން ރެޔާއި ދުވާލު ދަނީ މަސައްކަތް ކުރަމުން." ސައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގެ މަޝްރޫޢުތައް މިހާރުވެސް އެމްޓީސީސީއާއި ޙަވާލުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ކުރިން ފެށިފައި ހުއްޓިފައި ހުރި މަސައްކަތްވެސް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. ސައުދީ ވިދާޅުވީ ރައީސްގެ ވައުދުފުޅާއެއްގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ 38 މަޝްރޫޢެއް ފެއްޓުމަށްޓަކައި 11 ރަށެއްގެ މަސައްކަތް މޮބަލައިޒް ކުރެވިފައިވާކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް ރައްޔިތުންނާއި ގުޅުން ހުރި މިފަދަ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީގެ ދުވެލި ހަލުވިކޮށް މި ފެށި މަސައްކަތަކީ ކާމިޔާބު މަަސައްކަތަކަށް ވެގެންދާނެކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސައުދީ ވިދާޅުވިއެވެ.