ތަޢުލީމީ ދާއިރާގައި ހުއްޓިފައިވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފެށުމަށް ދައްކަންޖެހޭ 260 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ރަށްރަށުގައި މިދިޔަ ދައުރުގައި ފެށުމަށްފަހު ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވަނީ ފައިސާ ނުދައްކާ އޮތުމުންކަމަށެވެ.
ރަށްރަށުގެ ސްކޫލް ޢިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންފާޅުކޮށް އެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއާ ސުވާލުކުރައްވާފައެވެ. މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންވަނީ ވިދާޅުވީ، ނިމިދިޔަ ދައުރުތެރޭގައި ފެށުމަށްފަހު، ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވަނީ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ނުގެންދެވިގެންކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ސަރުކާރު ބަދަލުވީއިރު ސްކޫލްތަކުގެ ޢުމްރާނީ މަސައްކަތްތަކާއި ގުޅޭގޮތުން ނުދައްކާހުރި 280 މިލިޔަން ރުފިޔާގެ ތެރެއިން މިހާރު ނުދައްކާ ހުރީ 17 މިލިޔަންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު އައިއިރުގަވެސް 200 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިސާ ހުރީ ނުދީ. ކިހިނެތްތޯ މޮބިލައިޒްވެފައި، ވަކި ލޮކޭޝަނަކަށް ވަކި ސައިޓަކަށް ގޮސްފައި އޮންނަ ކުންފުންޏަކަށް ފައިސާ ނުދޭކަމުގައިވާނަމަ މަސައްކަތާއިގެން ކުރިއަށްދާނީ. އަޅުގަނޑުމެން މިހާރު އެޑިއުކޭޝަން މިނިސްޓްރީން، ތިބޭފުޅުންގެ އެމްޑީޕީއިން ނުދީ ފައިސާގެ ތެރެއިން 17 މިލިއަން ރުފިޔާ ނޫން އެހެން ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައި." ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ލަސްވާކަމުގައިވާނަމަ، އެމަސައްކަތްކުރާ ކުންފުނި ޓަރމިނޭޓްކޮށް، މަސައްކަތް އެހެން ފަރާތަކާއި ޙަވާލުކޮށްގެންވެސް ކުރިއަށްގެންދަވާނެކަމަށެވެ. މިގޮތުން މިހާރުވެސް ބައެއް ސްކޫލްތަކުގެ ހުއްޓިފައިވާ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށްގެން ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިމިދިޔަ ދައުރުގެ ތެރޭގައި 100 އަށްވުރެ ގިނަ މަޝްރޫޢު ފަށާފައިވީނަމަވެސް، މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާގޮތަށް ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ 15 އިންސައްތަ ފައިސާ ގިނަ މަޝްރޫޢުތަކުގައި ދެއްކޭނެހެން ބަޖެޓުކޮށްފައިނުވާކަމަށް ތަޢުލީމާއި ބެހޭ ވަޒީރުވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ހުރިކަން ވަޒީރުވަނީ ތަކުރާރުކުރައްވާފައެވެ.
އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކުގެ ޢިމާރާތްތައް ދުވަސްވުމާއި އަދި ޖާގައިގެ ދަތިކަން ކުރިމަތިވެ އެކަމުގެ ކަންބޮޑުވުންވަނީ ބޮޑުވެފައެވެ. މިމައްސަލައަށް ހައްލެއް ގެނައުމަށް ސްކޫލްތަކަށް ޖާގަ އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ. މިއަހަރަށް ދައުލަތުން އެކުލަވާލި ބަޖެޓުގައި ތަޢުލީމީދާއިރާގައި ސްކޫލް ޔުނިވަރސިޓީތައް ތަރައްޤީކުރުމަށް 499 މިލިއަން ރުފިޔާވަނީ ބަޖެޓުކޮށްފައެވެ.