ޚަބަރު

ގއ.އަތޮޅު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ


  • މަލްޓި ޕާޕަސް ހޯލް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 2 ފަންގިފިލާއަށް

  • އެމްއެންޔޫ ތިނަދޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމަށްވެސް ވަނީ ތައްޔާރުވެފައި

ހުވަދު އަތޮޅު އުތުރުބުރި ކޮލަމާފުށީގައި ހުންނަ ގއ.އަތޮޅު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސްކޫލްގައި 8,637 އަކަފޫޓުގެ 2 ފަންގިފިލާގެ މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަަމަށެވެ.

ކޮލަމާފުށީގައި އިމާރާތްކުރާ މަލްޓި ޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ވަރަށް ގިނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައިވެއެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ޚާއްސަ އިރުޝާދުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން، އެމްޓީސީސީން ވަނީ ތިނަދޫ ސިޓީގައި ހުންނަަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމަށްވެސް ތައްޔާރުވެފައެވެ. މި މަޝްރޫޢުގެ ދަށުން އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއަކީ އެ ކުންފުނި އެފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ 44 އަހަރުތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.