ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގައި، "މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް"އަކީ މުހިއްމު މަޝްރޫޢެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މުނައްވަރު މިހެން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާއި ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މަޝްރޫޢެކެވެ.
"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވީ، މިމަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ޙަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފައެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރު ހަރުފަތަކަށް ޖައްސާ ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގެ ހަބެއްގެގޮތުގައި ސަރަޙައްދީ ފެންވަރުގައި ތަރައްޤީކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިމަޝްރޫޢާއެކު ޤައުމުގެ އިޖުތިމާޢީ ހަމަހަމަކަމާއި، އެންމެންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރެވޭނެކަންވެސް ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވިއެވެ.
"މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރެވި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެ، ޤައުމުގައި އިންސާފު ޤާއިމުކުރުމާއި، ހަމަހަމަކަމާއި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެންދާނެ. މި އިނީޝިއޭޓިވްގެ އެންމެ މުހިއްމު އަމާޒަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ އިޤްތިޞާދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުން" މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރުވަނީ މިއީ ދިރާސީ ޢިލްމުގެ މައްޗަށް ސިޔާސަތުތައް ކަނޑައަޅިގެންދިޔުމުގައި ފާހަގަކޮށްލެވޭ މިސާލެއްކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުޙައްމަދު ފަރީދު ރާވީ ބިން ޢަބްދުﷲ އިސްލާމިކް ފައިނޭންސިންގެ ކާމިޔާބީއާއެކު މުޖުތަމަޢުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
މެލޭޝިއާގައި މިހާރުވެސް ތަންފީޒުކުރަމުން އަންނަ މިނިޒާމު ރާއްޖޭގައި "މިސްފީ"ގެ ނަމުގައި ފެށިގެންދިޔުމަކީ މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިއީ ފަޤީރުންނާއި މުޖުތަމަޢުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ދެވޭ ޔަގީންކަމެއްގެގޮތުގައި ފަރީދު ސިފަކުރެއްވިއެވެ.
"މިސްފީގެ ދަށުން މުޖުތަމަޢުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މާލީ އެހީތެރިކަމުގެ ނިޒާމެއް ޤާއިމުކުރެވި ގުޅިގެން ޒިންމާނެގުމުގެ ޡަޤާފަތެއް ޤާއިމުކުރަންޖެހޭ. މިއީ އަދި ފެށުމެއް. މިއީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ޕްރޮޑަކްޓްތައް އާންމުންގެ އިޖުތިމާޢީ ބޭނުންތަކަށް އަމާޒުކޮށް ނެރެންވީ ވަގުތު" މުޙައްމަދު ފަރީދު ރާވީ ބިން ޢަބްދުﷲ ވިދާޅުވިއެވެ.
"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް"އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ޤާއިމުކޮށްފައިވާ ޚާއްސަ ފަންޑެކެވެ. މިގޮތުން އެމްއެމްއޭއިން މިފަންޑަށް 20 މިލިޔަން ރުފިޔާ، އެމްއައިބީއިން 30 މިލިޔަން ރުފިޔާ އަދި ބީއެމްއެލްއިން 200 މިލިޔަން ރުފިޔާ ކުރިއަށް އޮތް 3 އަހަރަށް ކަނޑައަޅައިގެން ހިންގާ ފަންޑެކެވެ. މިފަންޑުން މިއަހަރަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ކަންކަން ކަނޑައެޅުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.