ޚަބަރު

ލައިސެންސު ހިފެހެއްޓި ނަމަވެސް އިނގިރޭސިވިލާތުން ދަނީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުން


އިނގިރޭސިވިލާތުގައި ދޫކޮށްފައިވާ ހަތިޔާރު ފޯރުކޮށްދިނުމުގެ ބައެއް ލައިސެންސް ހިފަހައްޓާފައި އޮތް ނަމަވެސް އެ ޤައުމުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުން ދާ ކަމަށް ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ 350 ލައިސެންސްުގެ ތެރެއިން 30 ލައިސެންސު ހިފަހައްޓައިފައެވެ. އެ ލައިސެންސުތައް ހިފަހައްޓާފައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް އެ ލައިސެންސުތަކުގެ ދަށުން ދޫކުރާ ހަތިޔާތުތައް ބޭނުން ކުރުމުގެ ފުރުޞަތު އޮތުމުން ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. ނުހިފާއްޓާ ދޫކޮށްލާފައިވާ ލައިސެންސުތަކަކީ ގޮގްލްސްއާއި ހެލްމެޓު ފަދަ ތަކެތި ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ލައިސެންސު ކަމަށް ވެސް އޭރު ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ޕަލަސްޓީނިއަން ޔޫތު މޫވްމަންޓާއި ޕްރޮގްރެސިވް އިންޓަނޭޝަނަލް އާއި ވޯކަރސް ފޮރ އަ ފްރީ ޕަލެސްޓައިން ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ލައިސެންސުތައް ހިފެހެއްޓި ފަހުން ވެސް އިނގިރޭސިވިލާތުން ބޮމާއި މިސައިލު ހިމެނޭ ގޮތަށް އެކި ބާވަތުގެ 8،630 ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އިނގިރޭސިވިލާތުން އެފް-35 މަރުކާގެ ހަނގުރާމަމަތީ ޖެޓުގެ ބައިބައި ސީދާ އިސްރާއީލަށް ފޯރުކޮށްދިނުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީއާއި މާލީ ވަޒީރު ޖޮނަތަން ރޭނޮލްޑްސްއާއި އިތުރު ވަޒީރުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ސެޕްޓެމްބަރު 2024ގެ ފަހުން އެތައް ފަހަރެއްގެ މަތިން އިނގިރޭސިވިލާތުން އެފް-35 ހަނގުރާމަމަތީ ޖެޓުގެ ބައިތައް ޔަހޫދީންނަށް ސީދާ ފޯރުކޮށްދީފައިވާ ކަމުގެ ހެކި ހުރި ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮޮށްފައިވެއެވެ. އަދި މެދުކެނޑުމެއްނެތި އަދިވެސް މި ގޮތަށް ހަތިޔާރު ފޯރު ކޮށްދެމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ތިން ޖަމްޢިއްޔާއިން އެ ހޯދުންތައް ހޯދާފައި ވަނީ ޔަހޫދީންގެ ޓެކްސް އިދާރާއިން ކަމަށާއި އެ މަޢުލޫމާތުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ލެމީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށާއި ޢާންމުންނަށް އޮޅުވާލައްވާފައިވާ ކަން ހާމަވާ ކަމަށެވެ.