ޚަބަރު

ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯއްޗެއް ދޫކުރާނީ މިހާރު ހިއްކާފައި ޢޮތް ސަރަހައްދުން


  • ކުރީ ސަރުކާރުން އެކުލަވާފައިވާ ޕްލޭންގެ ދަށުން ބޮޑެތި ދަތިތަކެއް ކުރިމަތިވި

  • މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ ޕްލޭނަށް ބަދަލު ގެންނަވާފައި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯއްޗެއް މިހާރު ހިއްކާފައިވާ އޮތް ސަރަޙައްދުން ދޭން ސަރުކާރުން ނިންމަވައިފިއެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މިދިޔަ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގިއިރު ހިއްކުމަށް ޕްލޭން ކުރެވި, ނަމަވެސް އެހާތަނަަށް ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ދޫކޮށްފައިވާކަމަށެވެ.
އަދި ނިމިދިޔަ ސަރުކާރުން ދޫކުރި ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ހަދާފައިވީނަމަވެސް، ބައެއް ރަޖިސްޓްރީތައް ހެއްދުމަށް ދަތިވެފައިވަނީ ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނަގާފައިވާތީކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ގޯތިތަކުގެ ރަޖިސްޓްރީ ވީހާވެސް އަވަހަކަށް ގޯތި ލިބުނު ފަރާތްތަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފައިކަމަށެވެ. މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދަށް ވަނީ ބަދަލު ކުރެވިފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފަވާއިކަމަށެވެ. އަދި މިމަހު ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެކަމަށާޢި މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއްކަމަށްވެސް ވަޒީރު ވިދާޅުވިޢެވެ.