ޚަބަރު

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަސީލަތްތައް އިސްލާޙުކުރުމަށް ރާއްޖެއިން ގޮވާލައިފި


  • އުފެއްދުންތެރިކަމަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލެއްވި

  • ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަަކަށް އަމާޒު ބަދަލުކުރުމަށް އެދިވަޑައިގެންނެވި

ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަސީލަތްތައް އިސްލާހުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް، އެޗް.އައި.އެފްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަަކަފުޅުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެެވެ.

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެހެންވެ، ނޫ އިޤްތިޞާދު ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް ހިންގައިބެލެހެއްޓުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް ވަކާލާތުކުރަމުންދާނޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއް ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އުފެއްދުންތެރިކަމަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. އަދި، ތަރައްޤީވަމުން އަންނަ، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ވަޒަންކޮށް، އެ ޙާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަޞީލަތްތައް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.

މީގެއިތުރުން ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަަކަށް އަމާޒު ބަދަލުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ނޫ އިޤްތިޞާދާއި ކްލައިމެޓް ފައިނޭންސިންގެ މައްޗަށް ބައްލަވާލައްވައި، ޤައުމުތަކުގެ ކުރިމަގާއި، ޤައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވުމަށްފަހުއެވެ.

ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމަކީ މަހަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެއެވެ.