ސައުދީ ޕްރޯ ލީގުގެ ފަހު މެޗުގައި ރޭ ދަމަކްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޗެމްޕިއަން އަލް އިއްތިހާދު މޮޅުވެއްޖެއެވެ.
މި މެޗަށް ނިކުތްއިރުވެސް ޗެމްޕިއަންކަން ކަށަވަރުވެފައިވާ އަލް އިއްތިހާދު އިން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ މި ސީޒަނުގައި ލީގުގައި ކުޅުނު 34 މެޗުން 83 ޕޮއިންޓު ލިބިފަ އެވެ. މި މެޗުން ބަލިވި ދަމަކް އަށް ލިބިފައިވާ 35 ޕޮއިންޓާއެކު އެ ޓީމުން ސީޒަން ނިންމާލާފައިވަނީ ތާވަލުގެ 14 ވަނައިގަ އެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން ލައުރެން ބްލޮންކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އިއްތިހާދުއިން ލީގުގައި ބާކީ ދެ މެޗު އޮއްވާ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު ޗެމްޕިއަން ޓްރޮފީ ދީފައިވަނީ ރޭގެ މެޗަށްފަހުގަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި ދަމަކްގެ ގޯލު ކީޕަރު ފްލޮރިން ނީޓާ ކައިރިން ނައްޓާލުމަށްފަހު އަލް އިއްތިހާދަށް ކާމިޔާބު ކޮށްދީފައިވަނީ ސްޓީވަން ބާރޖްވިން އެވެ.
ލީގު ޗެމްޕިއަންކަން ހޯދާފައިވާއިރު އަލް އިއްތިހާދު އިން އަންނަ ހުކުރު ދުވަހު ނިކުންނާނީ ކިންގްސް ކަޕްގެ ފައިނަލުގައި އަލް ގަދްސިއާ އާއި ދެކޮޅަށެވެ.
ތާވަލުގެ ދެވަނައިގައި އޮތް އަލް ހިލާލް އިން ރޭ އަލް ގަދްސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ މިޓްރޮވިޗް އާއި މިލިންކޮވިޗް ސަވިޗް އެވެ.