ލ.މާވަށާއި އދ.ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.
މި ދެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ލ.މާވަށާއި އދ.ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވާފައިވާއިރު މީގެތެރެއިން 2200 މީހުންގެ އާބާދީއެއް އޮންނަ މާވަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައެވެ. އެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވި ލ. މާވަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 166،400 ކިއުބިކް މީޓަރުގެ ރާޅު ވެލި ގޮނޑުދޮށަށް އެޅުމާއި، 55،500 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 7500 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމުގެ އިތުރުން 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2024 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 260 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރެއްވި މިމަޝްރޫޢުގެ އަގަކީ 89.13 މިލިޔަން ރުފިޔާއެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށްގިރުމާއި ރަށަށް އުދައެރުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
760 މީހުންގެ އާބާދީއެއް އޮންނަ ހަންޏާމީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވާފައިވާއިރު، އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށްގިރުމުގެ މައްސަލައެވެ. އެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް އެމްޓީސީސީއާ ޙަވާލުކުރެއްވި އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ގޮނޑުދޮށަށް 14،322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި، 14،322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތުގެ އިތުރުން، 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
240 ދުވަސްތެރޭ ނިންމާގޮތަށް އެމްޓީސީސީއާ ޙަވަލުކުރެވުނު މި މަޝްރޫޢުގެ އަގަކީ 46.20 މިލިޔަން ރުފިޔާއެވެ.
ލ.މާވަށް އާއި އދ.ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އިމާރާތްކުރުމާއި ގެދޮއުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހީމް ނަޒީމެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމާއެކު ލ.މާވަށާއި އދ.ހަންޏާމީދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައާއި އުދައެެރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.