ޚަބަރު

މިއަހަރުގެ ޙައްޖުގައި ދިވެހީންގެ ފަރާތުން ފެނުނީ ކެތްތެރިކަމާއި ރިވެތި އަޚުލާޤު


  • ޙައްޖުގެ މަނާސިކްތައް އަދާކުރުމުގައ ދިވެހި ޙައްޖާޖީން ދެއްކީ ނަމޫނާ އަޚްލާޤް

  • ކެތްތެރިކަން އިސްކުރި މަންޒަރު ފެނުނު

ޙައްޖަކީ އަހަރަކު އެއްފަހަރު އަދާކުރާ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޙައްޖަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ވަކިތަނެއްގައި ނޫނީ އަދާ ނުކުރެވޭ އަޅުކަމެކެވެ. ޙައްޖުގެ އަޅުކަން ފުރިހަމައަށް އަދާކުމުގައި ފުރިހަމަކުރަންޖެހޭ މަނާސިކުތަކެއްވެއެވެ.

ދިވެހި ޙައްޖުވެރިން މިއަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާއަށް އައުމަށްފަހު ކައުބަތުﷲ ގެފުޅުގައި ޠަވާފުކޮށް، ޞަފާ މަރުވާ ދެމެދުގައި ސަޢުޔުކުރުމަށް ދުވަސްތައް ހޭދަކުރިއެވެ. ޙަައްޖުމަހުގެ ނުވަ ވަނަ ދުވަހު އަރަފާތަށް ދިޔުމާ ހަމަޔަށް މިނާގައި މަޑުކުރުމަށް ޙައްޖުވެރިން ދަތުރު ފެށީ ޙައްޖު މަހުގެ ހަތްވަނަ ދުވަހުއެވެ.

އާންމު ގޮތެއްގައި ދިވެހީން ރާއްޖޭގައި ދިރިއުޅެމުން އަންނަނީ އަމިއްލަ ގޭގައި ހުންނަ ތިމާގެ ތަނަވަސް ކޮޓަރީގައެވެ. ކޮންމެ ކޮޓަރިއެއްގައި ދިރިއުޅެނީ މަދުމީހެކެވެ. މިނާގައި ތިބެންޖެހެނީ މިއާ މުޅިން ތަފާތު ހިޔާވައްސެއްގައެވެ. ބޮޑެތި ފޭލިގެތަކުގައި އެތައް ބަޔަކާ އެކުގައެވެ. ނަމަވެސް ޙައްޖުވެރިން ދެއްކީ ކެތްތެރިކަމުގެ އެންމެ ރިވެތި މިސާލެވެ.

މިނާގައި މަޑުކުރުމަށްފަހު ޙައްޖުވެރިން އަށްވަނަ ދުވަހު ދަތުރަށް ފެށީ ޙައްޖުގެ އެންމެ ބޮޑު ރުކުންކަމުގައިވާ އަރަފާތު ބިމަށެވެ. މި ދަތުރަކީ އުނދަގޫ ބޮޑު ދަތުރެކެވެ. އެއްވަގުތެއްގައި އެތައް ހާސް ބަޔަކު ދަތުރުކުރަމުން ދިޔައީ އަރަފާތު ބިމަށް ދިޔުމަށެވެ. ދިވެހި ޙައްޖުވެރިންގެ ތެރޭގައި އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ މީހުންވެސް އެބަތިއްބެވެ. ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ބަލިމީހުންވެސް ހިމެނެއެވެ. ނަމަވެސް ދަތުރުމަތީގައިވެސް ދިވެހި ޙައްޖުވެރިން ދެއްކީ ނަމޫނާއެކެވެ.

އިސްލާމްދީނުގެ ރިވެތި އަޚުލާޤު އެވަގުތުގައިވެސް ދިވެހިން ދެއްކިއެވެ. އެއީ ކެތްތެރިކަމުގެ ނަމޫނާއެވެ. ދަތި އުނދަގޫ އެ ހާލަތުގައިވެސް ބަހުގެ ތެރޭގައި ޙައްޖުވެރިން ޒިކުރު ކުރުން މަތީގައި ދެމިތިއްބެވެެ.

އަރަފާތުބިމަށް ގޮސް ފޭލިގެތެރޭގައިވެސް ފެނުނީ ދިވެހިންގެ ރިވެތި އަޚުލާޤެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގައި ވަގުތުތައް ހޭދަކުރިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ކަމާގުޅޭ އިދާރާތަކުންނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސް ކުރަމުންއައީ އަރަފާތު ބިމުގެ ހޫނު ގަދަކަމުގެ ސަބަބުން ފޭލިގެތަކުން ނުކުމެ ނޫޅުމަށެވެ. ދިވެހި ޙައްޖާޖީން އެ އިރުޝާދައް ބޯލަނބައި، ފޭލިގޭގައި މަޑުކޮށް ތިބީ ދުޢާކޮށް ޒިކުރުކޮށް ޤުރުއާން ކިޔެވުމަށެވެ.

ޝަކުވާކޮށް ނުތަނަވަސްކަން ފާޅުކުރުމުގެ ބަދަލުގައި ދިވެހި ޙައްޖުވެރިން އިސްކުރީ ކެތްތެރިކަމުގެ ސިފައެވެ. ޞިއްޙީ ކަންކަމަށް ބޯލެނބުމަށް ކަމާ ގުޅޭ ޓީމުން ދިން އިރުޝާދުތަކަށް ތަބަޢަވިއެވެ. ނަތީޖާއަކީ ދިވެހި ޙައްޖުވެރިންގެ ޞިއްޙަތު ޖުމްލަގޮތެއްގައި ރަނޅުވުމެވެ. އަރަފާތު ބިމުގައި ތިބެ ޙައްޖުދުވަހުގެ ޚުޠުބާ އަޑުއެހުމަށްފަހު ޙައްޖުވެރިން ދަތުރުކުރީ މުޒްދަލިފާއަށެވެ. މުޒްދަލިފާގައި ވަގުތު ހޭދަކުރުމަށްފަހު އަނބުރާ މިނާއަށް ޙައްޖުވެރިން ދިޔައެވެ.

ޖަމަރާތަކަށް ހިލަ އުކާ ދުވަސްތަކަކީ ބާރު ބޮޑު ދުވަސްތަކެކެވެ. މިސަބަބާހުރެ ޙައްޖު ކޯޕަރޭޝަނުން ޖަމްރާތަކަށް ހިލަ އުކަން ވަކި އިރުޝާދުތަކެއް ދިނެވެ. ދިވެހި ޙައްޖުވެރިން މި އިރުޝާދުތަކަށް ވަރަށް ފުރިހަމަޔަށް ބޯލެނބި މަންޒަރު ފެނުނެވެ.

އެހެންކަމުން ޖަމްރާތަކަށް ހިލައުކުމުގައިވެސް ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ. އޭގެފަހުންވެސް ޠަވާފުލް އިފާޟާކޮށް، ޝައުޔުކޮށް، އެންމެ ފަހުކަމަކަށް ޙައްޖާޖީން ވަދާޢުގެ ތަވާފުވެސް ވަނީ ފުރިހަމަކޮށްފައެވެ.

ޙައްޖުގެ މަޝާއިރުތައް ފުރިހަމަކުރުމަށްފަހު ދިވެހި ޙައްޖުވެރިން ދަތުރުކުރީ މަދީނާއަށެވެ. ހުރިހާ ޙައްޖުވެރިން ވަނީ މަދީނާގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އޭގެތޭގައި މަސްޖިދުއް ނަބަވީއާއި، ރައުޟާ، ޤުބާ މިސްކިތް، އުހުދުގެ މައިދާން ފަދަ ތަންތަން ހިމެނެއެވެ. އޭގެފަހުން ޙައްޖުވެރިންގެ ޙައްޖު ދަތުރު ނިމުމަކަށް އައީއެވެ.

ކޮންމެއަކަސް ޙައްޖުގެ މަނާސިކުތައް އަދާކުރުމުގައި ދިވެހި ޙައްޖުވެރިންގެ ފަރާތުން މިއަހަރު ފެނުނީ ކެތްތެރިކަމެވެ. އިރުޝާދުތަކަށް ފުރިހަމަޔަށް ބޯލެނބި މަންޒަރެވެ. މިސަބަބާހުރެ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަވިއެވެ.